އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭ ސަރައްހައްދުގައި މިއަދު ވެސް މުޒާހަރާކުރަން ފަށައިފިއެވެ.
ކޮންމެ ހުކުރު ދުވަހަކު ވެސް އެ ކޯލިޝަނުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެ ކޯލިޝަނުން މުޒާހަރާކުރަނީ ޤައުމުގައި މިއަދު ހުރި ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.
ކޮވިޑާއި ގުޅިގެން އެއްވުންތަކާއި، ރަސްމިއްޔާތުތައް ނުބޭއްވުމަށާއި، އެއްފަހަރާ 05 މީހުންނަށްވުރެ ގިނައިން ޢާންމު ތަންތަނަށް އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އެ ގޮތުން އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް ޢަމަލުކުރަމުންދާނަމަ ފިޔަވަޅު އަޅާނެކަމަށް ވެސް ފުުލުހުން ވަނީ އަންގާފައެވެ.
މި ގޮތުން މިއަދު ފުލުހުން ވަނީ ހެންވޭރުގައި ހުންނަ ޕީޕީއެމްގެ އޮފީހަށް ވަދެނިކުމެ ނުހެދޭނެހެން އެ ސަރަހައްދުގެ މަގުތައް ބަންދުކޮށްލާފައެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ މުޒާހަރާފަށާފައެވެ.
މުޒަާހަރާ ފެށިތާ މާ ގިނައިރެއް ނުވަނީސް ފެނަކައިގެ ކުރީގެ އެމްޑީ މުޙައްމަދު ނިމާލްއާއި އިތުރު އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރީ ޗާންދަނީ މަގު ސަރަހައްދުންނެވެ.
މުޒާހަރާތަކާއި ގުޅިގެން މި މަހުގެ 15 ވަނަ ދުވަހު ޕީޕީއެމްއާއި ޕީއެންސީ ވަނީ 50،000 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ. އެއީ މުޒާހަރާކުރުމުގެތެރެއިން އެޗްޕީއޭގެ ގައިޑުލައިންތަކާއި ތަކުރާރުކޮށް ޚިލާފުވެފައިވާތީ ކޮންމެ ޕާޓީއެއް 25،000 ރުފިޔާއިންކަމަށް ފުލުހުން ބުނެފައިވެއެވެ.