ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބަންގްލަދޭޝް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ރައީސް ގަތަރަށް ކުރެއްވި ދަތުރުފުޅާއި ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ދެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގަތަރަށެވެ. ރައީސުލްޖުމްހޫރިއްޔާ ގަތަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީގުޅުން އެ ސަރުކާރުގައި އަލުން ގާއިމުކުރުން ފާހަގަކުރެއްވުމާ، ދެގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްޘާނީ އާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގެންނެވީ ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށެވެ. އެ ފުރަމާނަ ދަތުރުފުޅުގައި ބަންގްލަދޭޝްއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެގައުމުގެ ފުރަތަމަ ރައީސް އަދި މިނިވަންކަމުގެ ބާނީ ބަންގަބަންދު ޝެއިހް މުޖީބުއްރަހްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.
އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް ވަރުގަދަކޮށް، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ތާރީހީ އަދި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި އެ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭ ކޭ އަބްދުލް މޮމެން، ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. އެ ރަސްމިއްޔާތު އޮތީ ޑާކާގެ ހޮޓެލް އިންޓަކޮންޓިނެންޓަލް ގައެވެ.