ކުރިއަށް އޮތް ބަރަކާތްތެރި ރޯދަމަހު މާލޭ ސަރަހައްދުގެ މިސްކިއްތަކުގައި ޖަމާއަތުގައި ތަރާވީހް ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މިދިޔަ ރޯދަ މަހު ކޯވިޑް 19 ގެ ސަބަބުން މާލޭ ސަރަހައްދުގައި މިސްކިއްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން މެދުކަނޑާލުމާއި ގުޅިގެން މާލޭ ސަރަހައްދުގައި ތަރާވީހް ނަމާދުގެ އިތުރުން އެހެން ނަމާދުތައްވެސް މީސްތަކުން ކޮށްފައިވަނީ، ގޭގައެވެ.
މިއަހަރުގެ ރޯދަމަހާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ ޒާހިރު ވިދާޅުވީ، މިހާރު މާލޭ ސަރަހައްދުގެ މިސްކިއްތަކުގައި ގައިދުރު ކޮށްގެން ޖަމާއަތުގައި ނަމާދު ކުރަމުންދާ އުސޫލުގެ މަތިން ރޯދަ މަހުވެސް ނަމާދު ކުރަމުން ދާނެ ކަމަށާއި، ތަރާވީހް ނަމާދުވެސް ހަމަ އެގޮތައް ކުރެވިގެން ދާނެ ކަމަށެވެ. އަދި އަތޮޅު ތެރޭގެ މިސްކިއްތަކުގައި ވެސް އުސޫލުތަކުގެ މަތިން ނަމާދު ކުރުން އޮންނާނެ ކަމަށާއި، އެހެން ނަމަވެސް ކުރިން ރާއްޖެއިން ބޭރުން ތަރާވީހް ނަމާދު ކުރުމަށް ގެންނަ ހާފިޒުން މިއަހަރު ނުގެނެވުމަކީ އެކަށީގެންވާކަމެއްކަމަށެވެ.
ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު އެޅި ފިޔަވަޅުތަކަށް ލުއިތައްދީ މިސްކިތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީންވަނީ ދެއްވާފައެވެ.
މިގޮތުން ވީހާވެސް ބޮޑަށް ނަމާދުގެ ދިގުމިން ކުރުކުރުމަށް އަންގާ ހުކުރު ހުތުބާވެސްވަނީ ކުރުކޮށްފައެވެ.