އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ޤާއިމުކުރި އުތުރު ތިލަފަޅުގެ އެއްބަސްވުމުން ރާއްޖޭގެ މިނިވަންކަން ގެއްލުވައިލައިފިކަމަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްއިން ކ.އަތޮޅުގެ ކައުންސިލުގެ ރައީސްކަމަށް ވާދަކުރައްވާ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ނިމާލް މިހެން ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއްކަމަށް ބުނާ ލިޔުންތަކެއް ޢާންމުވެ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
މި ގޮތުން ނިމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އެއްބަސްވުމުން ރާއްޖޭގެ މިނިވަންކަން ގެއްލުވައިލައިފިކަމަށެވެ.
ނަމަވެސް އެންމެ ފަހުނޭވާލާނީ މި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައިކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.
”މީ ދިވެހި ދަރިއެކޭ ދިވެހީންގެ ތާޒާ ލޭ ހިނގާ. ދިވެހިންގެ ޙައްޤުގައި ޤުރުބާންވެދާނަމޭ. މީ ދިރޭފަދަ ޢަޒުމެކޭ.“ ނިމާލްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ނިމާލް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޔާމިން މިނިވަންކުރަން ވެސް ގޮވައިލައްވާފައެވެ.
މިއީ އެ މަނިކުފާނު ގެއަށް ބަދަލުކުރަންވީ ވަގުތެެއް ނޫންކަމަށާއި، މި ވަގުތުން ވަގުތަށް ވެސް އެ މަނިކުފާނު މިނިވަންކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ ރައީސް ޔާމިނަކީ މައުސޫމު ބޭފުޅެއް ކަމަށާއި، މި ސަރުކާރުން އެ މަނިކުފާނު ޖަލުގައި ބަހައްޓަނީ ސިޔާސީ ގޮތުންކަމަށާއި، މިއަދުގެ ސަރުކާރުން އެ މަނިކުފާނު ދެކެ ގަންނަ ބިރުންކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.