ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒަކީ އިސްލާމް ދީނަށް ލޯބިކުރާ، ގޮނޑިކޮއްކޮ ނުހެދޭނެ ހަމައެކަނި ކެންޑިޑޭޓުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް( ރުކުމާ ) ފާޑުވިދާޅުވެއްޖެއެވެ.
މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަނީ ތިން ބޭފުޅުންނެވެ. އެއީ ޑރ.މުޙައްމަދު މުޢިއްޒާއި، އެމްޑީޕީގެ ފަރާތުން އަނަސްޢަބްދުއްސައްތާރާއި، އަމިއްލަގޮތުން ވާދަކުރައްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީއެވެ.
މުޙައްމަދު ޢަބްދުލްކަރީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ނަޒަރަކުން ބެލި ނަމަވެސް ޑރ.މުޢިއްޒުފަދަ ބޭފުޅަކު ނެތް ކަމަށެވެ. އެ ގޮތުން ޢިލްމާއި، ހިލްމާއި، ތަޖުރިބާއަށް ބެލިޔަސް ހެއްކަކަށް ފުދޭކަމަށް މުޙައްމަދު ޢަބްދުލްކަރީމް ވިދާޅުވިއެވެ.
”ކޮންމެ ނަޒަރަކުން ބެލި ނަމަވެސް މާލެ ސިޓީގެ މޭޔަރުކަމަށް އިލްމާއި، ހިލްމާއި، ތަޖުރިބާއާއި، މުރާލިކަމާއި، ކެތްތެރިކަމާއި، އަޚްލާޤާއި، ހެޔޮވިސްނޭކަމާއި، ކެރުމާއި، އިސްލާމްދީނަށް ލޯބިކުރާ، ގޮނޑިކޮއްކޮ ނުހެދޭނެ ހަމައެކަނި ޤާބިލް ކެންޑިޑޭޓަކީ ޑރ.މުޢިއްޒު.“ މުޙައްމަދު ޢަބްދުލްކަރީމް ވިދާޅުވިއެވެ.
މުޙައްމަދު ޢަބްދުލްކަރީމް މީގެ ކުރިން ވިދާޅުވި ގޮތުގައި ޑރ.މުޢިއްޒަކީ ފްލެޓް ބައްޕައެވެ. އަދި ޑރ.މުޢިއްޒު ފްލެޓް އެޅުއްވި ވަރާ ގާތްކުރެވޭ ބޭފުޅަކު ނެތްކަމަށް ވެސް ވިދާޅުވެފައިވެއެވެ.