މިހާރު ފެނިގެން މިދަނީ، ރަތް ކުލައިގެ ހެދުމެއް ލައިގެން މަގު މައްޗަށް މީހަކު ނިކުމެއްޖެނަމަ ޖޫރިމަނާ ކުރަމުންދާ މަންޒަރު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
”ދިޑެއިލީ“ އަށް ދެއްވި ހާއްސަ ބަސްދީ ގަތުމެއްގައި ތޮލާލް ވިދާޅުވީ، މިހާރު ފެނިގެން މިދަނީ، މަގުމައްޗަށް، ރައްކުލައިގެ ހެދުމެއް ނުވަތަ ގައުމީ ދިދަ ހިފައިގެން މީހަކު ނިކުމެއްޖެނަމަ، އެމީހަކު ހިފާ ހައްޔަރުކޮށް، ޖޫރިމަނާ ކުރާ ތަން ކަމަށެވެ.
”ފެނިގެން މިދަނީ، ހެޔޮ އެމީހަކީ، ސިޔާސީ ހަރަކާތަކާއި ބެހުމެއް ނެތް މީހަކަށްވިޔަސް، ރަތް ކުލަ ލާގެން މަގުމައްޗަށް ނިކުމެޖެނަމަ ހިފާ ހައްޔަރުކޮށް، އެޗްޕީއޭގެ ގައިޑްލައިން އާއި ހިލާފުވިކަމަށް ބުނެ 1000 ރުފިޔާއިން ޖޫރިމަނާ ކުރާތަން.“ ތޮލާލް ވިދާޅުވިއެވެ.
މީގެ އިތުރުން، ތޮލާލް ވިދާޅުވީ، އިދިކޮޅު ހަރަކާތްތައް ހުއްޓުވަން ސަރުކާރުން ކޮންމެ ފަދަ ކަމެއް ކުރިނަމަވެސް، ދިވެހިންގެ ގައިގައި ވިންދު ޖަހާ ހިނދަކު މި ދިވެހި ގައުމުން، ޕީޕީއެމް އަދި ޕީއެންސީގެ އަޑު ކަނޑުވައި ނުލެވޭނެ ކަމަށާއި، އިރު އިރުކޮޅުން، ޖޫރިމަނާ ކުރިޔަސް، އިދިކޮޅުގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށެވެ.
އިދިކޮޅުން، ސިޔާސީ ޕާޓީ ތަކުގެ ގަވައިދާއި ހިލާފު ވިކަމަށްބުނެ، 75000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި ގުޅިގެން، ތޮލާލް ވިދާޅުވީ، އަދި އެއްވެސް ރަސްމީ ސިފައެއްގައި، ޕާޓީ ޖޫރިމަނާ ކުރި ކަމުގެ ލިޔުމެއް ނުލިބޭ ކަމަށެވެ.
”މި ފެނިގެން ދިޔައީ، އީސީ ޝަރީފްގެ ޓުއީޓަކުން ޕާޓީ ޖޫރިމަނާ ކުރިތަން. މިއީ އެއްނޫން ކަންކަން އޮންނަ ގޮތަކީ. އަދި މިހާތަނަށް ރަސްމީކޮށް ޕާޓީ ޖޫރިމަނާ ކުރިކަން އެނގިފައި ނެތް. ކިތައްމެ ވަރަކަށް ޖޫރިމަނާ ކުރިނަމަވެސް، މާތްﷲ އިރާދަ ކުރެއްވީޔާ، އަޑު އުފުލުމުގައި ޕީޕީއެމް އަދި ޕީއެންސީ ދެމި އޮންނާނެ“ ތޮލާލް ވިދާޅުވިއެވެ.