ބްރިގޭޑިއަރ ޖެނެރަލް ޝަމާލް އާއި، ބައިވެރިވެގެން ޗީފް އޮފް ޑިފެންސް ފޯސްއަށް އެއްބާރުލުން ދޭންކަމަށް ބުނެ ލިޔުން ތައްޔާރުކޮށް، އެހެން މީހުންގެ ގާތުގައި ބުނެފައިވާ ގޮތާއި ޚިލާފަށް ސިފައިންގެތެރޭ ހަމަނުޖެހުމާއި، ބައިބައިވުން އުޅޭކަން ހާމަކުރުމުގެ ބޭނުމުގައި މީސް މީޑިއާގައި އެ ލިޔުން ޢާންމުކޮށް ކެޕްޓަން ޢަބްދުލް މުޢިއްޒު މުޞްޠަފާގެ ކޮމާންޑުކަމުގެ ދަށުގައިވާ ޓްރޫޕްސް ބޭނުންކޮށްގެން ނުރައްކާތެރި ޢަމަލުތަކެއް ހިންގުމުގެ ވިސްނުން ގެންގުޅެ އެ ކަން ރާވާފައިވާކަމަށް ބުނެ މުޢިއްޒު ވަޒީފާއިން ވަކިކޮށްފައިވާއިރު، މުޢިއްޒަށް އަލުން ވަޒީފާ ދިނުމަށް ސްޕްރީމް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
2013 ވަނަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހު ގދ.ފިޔޯރީ، އަތިރީގޭ މުޢިއްޒު ވަޒީފާއިން ވަކިކުރަން ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ޤާނޫނު އަސާސީގެ 68 ވަނަ މާއްދާއާއި، ރާއްޖޭގެ މަތީ ކޯޓުތަކުގެ ނިންމުންތަކާއި ޚިލާފަށް ނެޗްރަލް ޖަސްޓިސް އަދި ޑިއު ޕްރެސެސްގެ އަސާސީ ޙައްޤުތައް ލިބިނުދީ ނިންމާފައިވާ ނިންމުމަކަށްވާތީ، އެ ނިންމުން ބާޠިލްކޮށް އަލުން ވަޒީފާ އިއާދަކޮށްދިނުމަށް ޑިފެންސް މިނިސްޓްރީގެ މައްޗަށް ޢަމުރުކޮށްދިނުމަށް އެދި، 2014 ވަނަ އަހަރުގެ ޖަނަވަރީ 29 ވަނަ ދުވަހު އޭނާ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ.
މި ގޮތުން 2016 ވަނަ އަހަރުގެ ޖުލައިމަހުގެ 04 ގައި ސިވިލް ކޯޓުން ނިންމީ އެ ނިންމުން ބާޠިލް ކުރެވެން ނެތްކަމަށެވެ. އަދި މުޢިއްޒު އެދިފައިވާ ގޮތަށް ޑިފެންސް މިނިސްޓްރީއަށް އަންގާނެ ތަނެއް ނެތްކަމަށެވެ.
އެ ގޮތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ނިންމީ ވެސް އެ ގޮތަށެވެ. އެހެންކަމުން މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
މި މައްސަލައިގައި ސްޕްރީމް ކޯޓުން މިއަދު ވަނީ ޙުކުމް އިއްވާފައެވެ. އެ ކޯޓުން ބުނީ މުޢިއްޒު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމަށް ސްޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން އިޤްރާރުވެފައިވާ ކަމަށެވެ.
އެހެންކަމުން ހައިކޯޓުން ކުރި ޙުކުމް ބާޠިލްކޮށް މުޢިއްޒު ވަޒީފާއިން ވަކިކުރިއިރު، އެމްއެންޑީއެފުގައި އަދާކުރަމުންދިޔަ ވަޒީފާ ރުޖޫޢަކުރަން ޑިފެންސް މިނިސްޓްރީއަށް އަންގާކަަމަށެވެ. އަދި މުޢިއްޒު ވަކިކުރީ ބޭއިންސާފުންކަމަށްވާތީ ޢަދުލުވެރި ބަދަލު ޙައްޤުވާކަމަށް ވެސް ޙުކުމްކުރާ ކަމަށެވެ.