ރާއްޖެއާއި ބަންގްލަދޭޝްއާއި ދެމެދު ވައިގެ ދަތުރުތައް އިތުރުކުރުމަށް ބަންގްލަދޭޝް ސަރުކާރުން ނިންމަވައިފިއެވެ.
ބަންގްލަދޭޝްގެ ޑާކާގައި ހުންނަ އެ ޤައުމުގެ ބޮޑުވަޒީރުގެ އޮފީހުގައި ބޮޑުވަޒީރު ޝައިޚް ހަސީނާ މިއަދު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޝައިޚް ޙަސީނާ ވަނީ ދެ ޤައުމު ދޭތެރޭ ބީމާ އެއަރލައިންގެ ފްލައިޓްތަކުގެ ދަތުރުތައް ފައްޓަވާކަން އިޢުލާނުކުރައްވާފައެވެ. އެ ގޮތުން ދެ ޤައުމުގެ މެދުގައި ވައިގެ މަގުން ކުރާ ދަތުރުފަތުރުތަކަށް އިތުރު ދޮރެއް ހުޅުވި، ވައިގެ މަގުން ދެ ޤައުމު ގުޅުވައިދިނުމަށް އެހީތެރިވާނެ ކަމަށް ހަސީނާ ވިދާޅުވިއެވެ.
މިކަމަށް މަރުހަބާ ވިދާޅުވެ ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކަށް ހައްލުހޯއްދަވައި ދެއްވަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގައި މަސައްކަތްކުރާ ބޭރު ޤައުމުތަކުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކޮށްދެއްވުމަށްކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެެވެ.