އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، އިދިކޮޅު ޕީޕީއެމް އިން ގދ ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓު މުހައްމަދު އަހްމަދުގެ މައްޗަށް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައި ވާކަން ހާމަވެއްޖެއެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ އޮންލައިން ނޫހަކުނ ބުނެފައިވަނީ، ގދ، ގައްދޫ ކައުންސިލުގެ ރައީސްކަމަށް ޕީޕީއެމް ޓިކެޓުގައި ކުރިމަތިލާފައިވާ މުހައްމަދު އަހްމަދު ވަނީ މީގެ ކުރިންވެސް އެ ރަށުގެ ކައުންސިލަރުކަމުގެ މަގާމު އަދާކޮށްފައި ކަމަށާއި، އޭނާ ކައުންސިލުގެ މަގާމުގައި ހުއްޓާ އޭނާއަށް ވަނީ 2015 ވަނަ އަހަރު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައި ކަމަށެވެ. އަދި އެ މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ އިރު، އެ މައްސަލަ އަދި ފަށާފައި ނުވާކަމަށްވެސް ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ޕަބްލިކް ޕްރޮސެކިއުޓަރ އަހްމަދު ޝަފީއު ވިދާޅުވީ، މިދިޔަ އަހަރުގެ ފަހުކޮޅު އޭނާ ކުޑަކުއްޖަކަށް ބޭއަދަބީ މެސެޖުތަކެއް ކޮށްގެން އެ މައްސަލައިގައި ދެ ދައުވާއެއް އުފުލާފައިވާ ކަމަށާއި، އެއީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ކަމަށެވެ.
މުހައްމަދު އަހުމަދަކީ، 2015 ވަނަ އަހަރު ކައުންސިލަރުގެ މަގާމަށް އިންތިހާބުވުމުގެ ކުރިން، ރަށުގެ ޓީޗަރު ކަމުގެ އިތުރުން މިސްކިތުގެ މުދިމުކަންވެސް ކޮށްފައެވެ.
އިދިކޮޅު ޕީޕީއެމް އިން، މުހައްމަދު އަހުމަދުގެ މައްޗަށް މިފަދަ ބޮޑެތި ދައުވާ ތަކެއް އުފުލާފައި ވަނިކޮށް، ޕާޓީގެ ޓިކެޓު ދީފާވާއިރު، މިކަމާއި ގުޅިގެން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެއެވެ.