އަންނަ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންނަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބޭތީ އެ މަސައްކަތް ކުރަމުންދަނީ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަމަށް ސަރުކާރުގެ އިދިކޮޅު ޕީޕީއެމް – ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
މިއަދު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންތިހާބަށް ތައްޔާރުވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންނަމަވެސް ސަރުކާރުގެ އެއްބާރުލުން އެކަމަށް ނުލިބޭ ކަމަށާއި އިންތިހާބުގެ ކެމްޕެއިންކުރުމަށްޓަކައި ބޭނުންވާ ފައިސާވެސް ޕާޓީއަށް ނުލިބޭ ކަމަށް މުއާޒު ފާހަގަކުރެއްވިއެވެ.
”މި ދަތިތަކާއެކުގައިވެސް އަޅުގަނޑުމެންގެ ކެނޑިޑޭޓުންގެ ހިތްވަރާއި އަޒުމަކަށް އެއްވެސް ވަރެއްގެ ބަދަލެއް ނާދޭ. އަޅުގަނޑުމެން މިތިބީ އިދިކޮޅުގައި. ކެނޑިޑޭޓުން އަމިއްލަ ޖީބުން ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތްތަކަކީ ޕާޓީ އެންމެން ފަހުރުވެރިވާ ކަމެއް،“ މުއާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ޕީޕީއެމް ކާމިޔާބުކުރުން މުހިއްމު ކަމަށެވެ. ސަބަބަކީ ސަރުކާރުން ގައުމުގެ މިނިވަންކަން ނައްތާލައި ގައުމު ވިއްކާ އުސޫލުން މަސައްކަތް ކުރަމުން ގެންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ކަމުން ގައުމަށް ރަނގަޅު ބަދަލެއް ގެނައުމަށް ކުޑަވެސް ކުރިއެރުމެއް ލިބޭމީ ޕީޕީއެމް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށްފި ނަމަ ކަމަށް މުއާޒު ވިދާޅުވިއެވެ.