ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ފަސް ރިސޯޓެއްގައި ވޯޓުފޮށި ނުބަހައްޓާގޮތަށް އިލެކްޝަންސް ކޮމިޝަން ނިންމައިފިއެވެ.
އީސީން މި ގޮތަށް ނިންމީ ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓުތަކުގައި ރީ ރަޖިސްޓަރީކުރުމުގެ ފުރުސަތު ހަމަވިއިރު، ވޯޓުފޮށި ބެހެއްޓޭ ޢަދަދަށްވުރެ މަދުން ބައެއް ރިސޯޓުތަކަށް ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީއެވެ.
ވޯޓުފޮށި ނުބަހައްޓާ ރިސޯޓުތަކަކީ ބ.ކިހާދުއްފަރު، ޅ. މަދިގުރައިދޫ، ރ. ކޮއްޓެފަރު، އދ.ތެލުވެލިގާ، ދ.ދޫރެސްކަމަށް އީސީން ބުންޏެވެ.
އީސީން ބުނީ ރިސޯޓުތަކުގައި ދިރިއުޅޭ ނުވަތަ މަސައްކަތްކުރާ ފަރާތްތަކުން ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެކަމަށެވެ. އެހެންކަމުން އެ ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކުރުމަށް ހުޅުވައިލާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުން އެދޭކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.