ރިޑަންޑެންސީގެ ގޮތުގައި ރާއްޖެއިން ވަޒީފާތަކުން ވަކިކޮށްފައިވާ ފަރާތްތަކުން ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއިން މަސައްކަތް ފަށައިފި އެވެ.
މިނިސްޓްރީއިން ބުނެފައިވަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށްޓަކައި، އެ މިނިސްޓްރީއިން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ ހަވަނަ އިސްލާހާ ގުޅިގެން އެ ގާނޫނުގެ 21 ވަނަ މާއްދާގައި ވާގޮތުގެ މަތިން ރިޑަންޑެންސީގެ ގޮތުގައި ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންގެ މައުލޫމާތު އެއްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.
މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ އެކަމަށް ހާއްސަ ދިރާސާއެއް ކުރަމުން ގެންދާތީ ދިރާސާގެ ބޭނުމަށްޓަކައި ވަޒީފާއިން ރިޑަންޑަންޓް ކުރެވިފައިވާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެހެންކަމުން 2019 ވަނަ އަހަރުގެ ޖެނުއަރީއިން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުން މި މަހުގެ 24 ގެ ކުރީން މައުލޫމާތު ހިއްސާ ކުރުމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ އެދިފައެވެ.