އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ އުމުރުން 61 އަހަރުފުޅުގައި އަވަހާރަވެއްޖެއެވެ.
އެގައުމުގެ ނައިބު ރައީސް ސާމިޔާ ސުލޫހޫ އިއްޔެ ހާމަކުރެއްވިގޮތުގައި ރައީސްގެ ހާލުފުޅު ގޯސްވެގެން މީގެ ދެ ހަފްތާއެއް ކުރީން ފެށިގެން އޮފީހަށް ވަޑައިންނަވާފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން އެތައް ބަޔަކު ވަނީ އެމަނިކުފާނަށް ކޮވިޑް-19 ޖެހިވަޑައިންނެވި ކަމަށް ޝައްކުކޮށްފައެވެ. އެހެންނަމަވެސް އެމަނިކުފާނަކީ ކޮވިޑް-19 ވައިރަސް އާ ގުޅޭގޮތުން އެފްރިކާގައިވެސް އެންމެ ގިނައިން ސުވާލު އުފައްދާފައިވާ އެއް ބޭފުޅެވެ. އަދި ކޮވިޑް-19 ވައިރަސް އަކީ ދޮގަކަށް ވެދާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.
ނައިބު ރައީސް ސާމިޔާ ވިދާޅުވީ، އެގައުމުގެ ރައީސް އަކީ މީގެ އަހަރުތަކެއް ކުރީން ފެށިގެންވެސް ހިތުގެ ބަލި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ބަލީގެ ހާލަތު ގޯސްވެވަޑައިންނެވުމާ ގުޅިގެން އޮފީހަށް ވަޑައިންނެވުން މެދުކަނޑާލައްވާފައިވާ ކަމަށްވެސް ސާމިޔާ ވިދާޅުވިއެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ ރައީސް ޖޯން އަވަހާރަވުމާ ގުޅިގެން 14 ދުވަހަށް އެކަމުގެ ހިތާމަ ރަސްމީކޮށް ފާޅުކުރައްވާނެ ކަމަށެވެ. އެގޮތުން ސްޓޭޓް ޓީވީއިންނާއި ރޭޑިއޯތަކުންވެސް އެމަނިކުފާނުގެ ހަނދާން އާކުރެއްވުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށް ސާމިޔާ ވިދާޅުވިއެވެ.
ޖޯން އަކީ ރައީސް ކަމުގެ މަގާމުގައި ހުންނަވަނިކޮށް އަވަހާރަވި ޓެންޒޭނިއާގެ ފުރަތަމަ ރައީސް އެވެ.