ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް، ކޮންޓްރެކްޓަރުންނާ މިއަދު ހަވާލު ކޮށްފިއެވެ.
މި އެއްބަސްވުމަކީ 16 އަތޮޅަކަށް ނިސްބަތްވާހެން، 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށްޓަކައި، 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފުރިހަމަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
މިއަދު ސޮއި ކުރެވިގެންދިޔަ އެއްބަސްވުން ތަކަކީ، އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީތަކުގެ ދަށުން ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެކެވެ.
މިކަމާއި ގުޅިގެން މިއަދު ބޭއްވުނު ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވީ ސޮއިކުރެވުނު 34 މަޝްރޫއާއެކީގައި، ސަރުކާރުން، މިހާރު ފެނާއި ނަރުދަމާގެ ޖުމްލަ 110 މަޝްރޫއެއް ހިންގަމުންގެންދާ ކަމަށެވެ. އަދި ރާއްޖޭގައި މީހުން އާބާދުވެފައިވާ ރަށްތަކުގެ ނިސްބަތަށް ބަލައިލުމުން، ވޭތިވެދިޔަ ދެ އަހަރު މި ސަރުކާރަށް މި މަސައްކަތުގައި ބައިވެރިވެފައިވާ މިންވަރު ހާމަވެގެންދާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މިއަދުގެ ރަސްމީޔާތުގައި ހއ، ހދ، ށ، ނ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، އަދި ގދ އަތޮޅުގެ ރަށްތަކުގައި މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.
ޖުމްލަ 34 ރަށެއްގައި މަސައްކަތްކުރަން ހަވާލުކުރި އިރު، 15 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރާނެ އެވެ. އަދި 17 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރާ އިރު ހަމަ އެކަނި ނަރުދަމާގެ ނިޒާމް ގާއިމްކުރާނީ ދެ ރަށެއްގައެވެ.