ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ސީނިއަރ އޮފިސަރުންނާ އެމްއެންޑީއެފް ލީޑަރޝިޕުން ބައްދަލުކުރައްވައިފިއެވެ.
އެމްއެންޑީއެފް އިން ރިޓަޔަރ ކުރައްވާފައިވާ ސިފައިނާއި ބައްދަލު ކުރައްވާފައި މިވަނީ އިއްޔެ އުތުރުތިލަފަޅުގައި އިންޑިއާ ސިފައިންނަށް ހަތިޔާރާއެކު އުޅެވޭނެ ކަމަށް ސަރުކާރުން ހަދަފައިވާ އެއްބަސްވުމުގެ ކޮޕީއެއް ލީކުވެ އެކަމުގެ އަޑު މުޅި ރާއްޖެގައި ގަދަވެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކުރަމެވެ.
އެ ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ބަންޑާރަކޮށީގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރަށްޤީއަށް މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓް އަދި ޕްލޭންތަކާ ބެހޭގޮތުން ޕްރެޒެންޓޭޝަނެއް އެ ފަރާތްތަކަށް އަރުވާފައިވާ ކަމަށް އެމްއެންޑީއެފުން ހަމަކުރެއެވެ.