2 ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓެއް ހިންގާނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފިއެވެ.
މަޖިލީހުގެ އާއު އިމާރާތުގެ 13 ވަނަ ފަންގިފިލާގެ ޓެރަހުގެ ރެސްޓޯރެންޓެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މަޖިލިސް އިދާރާއިން ވަނީ ހުޅުވައިލައިފައެވެ.
މި މަހުގެ 28 ވަނަ ދުވަހު ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ އިރު މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރެޖިސްޓްރީ ކުރަން ޖެހޭނެއެވެ.
ބީލަން ރަޖިސްޓަރީކުރުމަށް އެދި [email protected] އީމެއިލްއަށް މެއިލް ކުރުމަށް މަޖިލީސް އިދާރާއިން އެދެއެވެ. އަދި ބީލަން ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ކަމަށް ވެސް މަޖިލީސް އިދަރާގެ އިޢުލާންގައިވެއެވެ.
މަޖިލިސް އިދާރާގައި ރެސްޓޯރެންޓެއް ހިންގާނެ ފަރާތެއް ހޯދުމަށް އެންމެ ފުރަތަމަ އިޢުލާނު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ. އެ ފަހަރު ވަނީ ޖިމެއް ހިންގާނެ ފަރާތެއް ހޯދުމަށް ވެސް އިޢުލާނު ކޮށްފައެވެ.