ދ. ކުޑަހުވަދޫއިން ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ މޮނިޓަރިންގެ ހާލަތަށް ލާފައިވާ ކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީއިން ދާދި ދެންމެއަކު ބުނެފައިވަނީ ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތްކުރާ ހަ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ،
އެ މީހުން ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ ބަލި ޖެހިފައިވާ ކަމުގެ އަލާމަތްތައް ހުރުމުން ޓެސްޓުކުރުމުންނެވެ. އެ ޓެސްޓުކުރި ހަ މީހުންވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މަދުވާން ދައްކާލާފައި އޮއްވައި އަނެއްކާ އިއްޔެ ވަނީ ގިނަ އަދަދަކަށް ވައިރަސް އަށް މީހުން ޕޮޒިޓިވް ވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ވަނީ 153 މީހަކު ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ.
ޕޮޒިޓިވް ކޭސްތަކެއް ފެނުމުގެ ސަބަބުން އއ. ތޮއްޑޫވެސް ވަނީ އިއްޔެ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.