”އެރޭ ހާދަ ރުއިމޭ، ހަނދާންވޭ އެ މަންޒަރު، ދުށީ ދާދި ކައިރިން، ނިދާލާފަ ވާތީ“ މިއީ އެ ދުވަހުގެ ގިނަބައެއްގެ ހިތުގެ ޝުޢޫރެވެ. އާދެ! މާޗުމަހުގެ 17 ވަނަ ދުވަހެވެ. މުޅި ޤައުމު މޮޅިވެރިކަމުގެ ސާލު އޮޅައިލި ދުވަހެވެ. ރައްޔިތުންގެ ލޯތައް ކަރުނުން ތެންމައިލި ދުވަހެވެ. މައިންގެ ކޯތާފަތްމަތިން ކަރުނަތައް ފާއްދައިލި ދުވަހެވެ. އެ ހަނދާނެއް އަދިވެސް ނުނެެތެއެވެ. ދެންމެ ވީ ކަމެއްހެން އެ ހަނދާންތައް ހިތުގެ އެންމެ ހިމަނާރުތަކާއި ކުޅެލައެވެ.
އާދޭހެވެ. ރާއްޖޭގެ ތާރީޚުގައި ކަނޑުމަތީގައި މިހާތަނަށް ހިނގައިދިޔަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. 2004 ވަނަ އަހަރު މާޗުމަހުގެ 17 ވަނަ ދުވަހު ހިނގި އެ ހާދިސާއަށް މިއަދު 17 އަހަރުވީއެވެ.
މި ދަންނަވަނީ ގއ.ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއް ބަލަން ގޮސްފައި 122 މީހުންނާއެކު ތިނަދުއަށް ދަތުރުކުރަނިކޮށް ބަންޑުންޖަހައިލި ”އެނަމާ“ ބޯޓުގެ ވާހަކައެވެ.
ތިނަދޫ އެނަމާ ބޯޓު ދަތުރަށްފުރީ 2004 ވަނަ އަހަރު މާޗުމަހުގެ 17 ވަނަ ދުވަހު އިރުއޮއްސުނުއިރުއެވެ. އެ ބޯޓު ވިލިނގިލިން ފުރިއިރު، ބޯޓަށް މައްސަލައެއް ދިމާވެފައިވާކަމެއް ފާހަގަކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް ދަތުރު ފެށިތާ ބައިގަޑިއިރެއް ފަހުން ބޯޓުގެ އިންޖީނު ހުއްޓުނެވެ. އެހެނަސް އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް އަނެއްކާ ވެސް މަންޒިލަށް ދިއުމަށް ދަތުރު ފެށިއެވެ.
ޤުދުރަތު ނިޔާ ކަނޑައެޅީ ކިހިނަކުންތޯއެވެ. އެރޭގެ 20:30 ހާއިރު ހުރިހައިކަމެއް ބަދަލުވެގެންދިޔައީއެވެ.
އެނަމާ ބޯޓާއި ސާޅީހަކަށް ފޫޓު ދުރުން ދަތުރުކުރި “އަރުތަ“ ދޯނީގެ މޯހިރުން އުފެދުނު ރާޅުބާނިގަނޑުތެރޭ އެނަމާ ބޯޓު ބަންޑުންޖަހައިލިއެވެ.
ބޯޓު ބަންޑުން ޖަހައިލިއިރު، ބޯޓުގައި ހުރީ ކައްކާ ގޭސް ހުސްކުރި 88 ފުޅިއާއި، ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި 10 ފުޅިއެވެ. ހަމައެހެންމެ ބޯޓުގައި 122 މީހުން ތިބިއިރު ގިނަ ބަޔަކު ތިބީ ބޯޓުގެ މަތީގައެވެ. ބޯޓު ބަންޑުން ޖަހައިލަން ދިމާވި ސަބަބަކީ އެއީކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
މި ހާދިސާ ހިނގުމުން އެނަމާ ބޯޓަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނީ ތިނަދޫ ”އަރުތަ“ ދޯނިންނެވެ. ހަމަ އެ ވަގުތުގައި އެ ސަރަހައްދުން އެހެން ދޯންޏެއް ވެސް ދަތުރުކުރިއެވެ. އެއީ ގއ.ދާންދޫ ”މިޔަރެން“ ދޯންޏެވެ. ނަމަވެސް ކަނޑުމަތީގައި ރޮއެރޮއެ ތިބި މީހުންނަށްވުރެ އެ މީހުންނަށް މުހިންމުވީ އެންމެ 12 ޓަނުގެ މަހެވެ. 12 ޓަނުގެ މަސްހުރިކަމަށް ބުނެފައި އެ ދޯނި ދިޔައީ މަސްކިރަން ކޫއްޑުއަށެވެ.
މި ހާދިސާގައި 24 މީހަކު ނިޔާވެފައިވާއިރު، ދެ މީހަކު ފެނިފައެއް ނުވެއެވެ. މި ހާދިސާގައި އެއް ޢާއިލާއެއްގެ ގިނަބަޔަކު ދުނިޔެ ދޫކޮށް ދިޔައިރު، އެއް ރަށަކުން ގިނަ ބަޔަކު މި ދުނިޔެ ދޫކޮށްދިޔައީ ތިނަދޫ ރޮއްވައިލާފައެވެ.
މާތް ރައްބު އެ ހުރިހައި ފުރާނަތަކަށް ރަޙްމަތް ލައްވާށި! އާމީން!