ގއ. ވިލިނގިލީގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރާ ފެނުގެ ނިޒާމްގެ މަސައްކަތް ނިންމާލުމަށްފަހު ފެނަކަ ކޯޕަރޭޝަން އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއު ނިންމުމަށްފަހު މިއަދު ވަނީ އެ ޕްރޮޖެކްޓް ރަސްމީކޮށް ފެނަކައާ ހަވަލުކޮށްފައެވެ.
ދިވެހި ސަރުކާރާއި ޖޮއިންޓް ވެންޗާ އެންޖެލިކް އިންޓަނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑާ ގުޅިގެން އެ މަޝްރޫއު ކުރިއަށް ގެންދަން ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.
އޮޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ލޯނާއި ސަރުކާރުގެ ހަރަދާއެކު ކުރިއަށް ގެންދިޔަ މަޝްރޫއަކީ 3.6 މިލިއަން އެމެރިކާ ޑޮލަރުގެ މާޝްރޫއެއް ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީއިން ބުނެއެވެ.
އެ މަޝްރޫއުގެ ދަށުން ބޯފެނުގެ ވިއުގައެއް ގާއިމުކޮށްފައިވާއިރު 158.6 ޓަނުގެ އާރުއޯ ޕްލާންޓެއް ވަނީ ހިމަނާފައެވެ. އޭގެއިތުރުން 195 ޓަނުގެ ދެ ސްޓޯރޭޖް ޓޭންކްވެސް ވަނީ އެ މަޝްރޫއުގެ ދަށުން ބަހައްޓާފައެވެ.
ރަށަށް ފެން ގުޅައިދިނުމުގެ އިތުރުން ފެނުގެ ތަހުލީލު ކުރެވޭނެ އާލާތްތައް ހިމެނޭ ލެބެއްވެސް އެ މަޝްރޫއުގެ ދަށުން ވަނީ ކުރިއަށް ގެންގޮސްފައެވެ.