ވެސްޓް ޕާކް ސަރަހައްދުގައި މަސް ބޭނުމަށް ބޭނުންކުރަމުން ދިޔަ ޕްލެޓްފޯމް ޒަމާނީކޮށް އާ ޑިޒައިން ދައްކާލައިފި އެވެ.
މާލޭގެ މަގުތައް ތަރައްގީކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ވެސްޓްޕާކް ސަރަހައްދުގައި ހުރި މަސްބާނާ ޕްލެޓްފޯމް ވަނީ ބަންދުކޮށްފައެވެ.
އެ ޕްލެޓްފޯމަކީ ގިނަ އަދަދަކަށް މީހުން ބޭނުންކުރަމުން ގެންދިޔަ ތަނެކެވެ. އެހެންމަވެސް އެތަން ހުރީ ވަރަށް ބޮޑަށް ބާވެ ހަލާކުވާން ފަށާފައެވެ. އަދި އެތަނުގެ ބައެއް ސަރަހައްދުތައް ހުރީ ބޭނުންކުރެވޭ ވަރަށްވުރެ ނުރައްކާތެރި ހާލަތެއްގައެވެ.
އަލަށް ތައްޔާރުކުރާ ޕްލެޓްފޯމުގެ ޑިޒައިން ފެނިގެންދާގޮތުގައި އެ ޕްލެޓްފޯމު ކުރިއަށްވުރެ ބޮޑުވެފައި ފުރިހަމަވާނެ އެވެ. އެގޮތުން ސީދާ މޫދަށް ފޭބޭގޮތަށް ސިޑިއެއް ޕްލެޓްފޯމުގައި އިންނާނެއެވެ.
ޕްލެޓްފޯމުގައި މަޑުކޮށްލައިގެން ތިބުމަށް ހިޔާކޮށްފައިވާ ސަރަހައްދެއްވެސް ހިމެނޭނެ ކަމަށް ޑިޒައިންއިން ދައްކައެވެ.
އެ ޕްލެޓްފޯމުގެ އިތުރު މައުލޫމާތެއް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މަސައްކަތް ނިމެނޭ ދުވަހެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ ފައިސާ އިން އެތައް ޚަރަދެއްކޮށްގެން ހަދާފައިވާ ސުނާމީ ބިނާ ބަހައްޓާފައިވާ ޕާކާއި، ފެރީ ޓާރމިނަލް ކައިރީގައި ހަދާފައިވާ ކުޑަކުދިންގެ ޕާކާއި ރަސްފަންނު، ސަލްޓަން ޕާކު، ފަދަ ތަންތަން މަރާމާތު ނުކޮށް ވީރާނާ ވާން ދޫކޮށްލާފައިވަނީ އެތަންތަނަކީ ޔާމީން ސަރުކާރުން ހެދި ތަންތަން ކަމަށްވާތީ ތޯ؟ ބަލަގަ އެއީ އަހަރުމެންގެ ފައިސާ އިން ހަދާފައިވާ ރައްޔިތުންގެ ރައުސުލްމާލު. ތި ބޯދާ ވިސްނުން ދޫކޮށްލާކަށެއްނުވޭތޯ؟ ތިހެން ވިސްނާނަމަ ބްރިޖާ، ދަރުމަވަންތަ ހޮސްޕިޓަލާ މާލެ އިންޑަސްޓްރިއަލް ވިލެޖް، މާލޭގެ ރިންގ ރޯޑުވެސް ވީރާނާވާން ދޫކޮށްލަންވީނޫންތޯ؟ ތަސައްރަފު ނުފުދޭ މީހުން މަގާމް ތަކަށްލީމާ ވާނެ ހަތަރެތި މިހިރަ ދަނީ ވަމުން. ރައްޔިތުން ވިސްނައިގެން މާލެ ކައުންސިލަށް މީހުން ހޮވުމަށް ދަންނަވަން. އެއްވެސް ހާލަތެއްގައި ވަކި އަތަކަށް ބުރަވާށެކޭނުން. ކެންޑިޑޭޓުންނާ މި ސުވާލުތައްވެސް ކުރައްވާ؟ މި ސަރުކާރުން ކުރާ ކަންތައްތައް ވީރާނާ ވާން ދޫކޮށްލާނަންތޯ؟