މާފަންނުގައި ހުންނަ ރަސްފަންނުގައި ކުރީގެ ސަރުކާރުން ހަދާފައިވާ ޕެވިލިއަން ސިބްކޯ އަތުން ނެގުމަށްފަހު އަލުން ދީފިއެވެ.
ވީބީގެ މުހައްމަދު ޝަވީދުގެ ހިއްސާ އޮންނަ ކުންފުނި ކަމަށްވާ ސިބްކޯއަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ޕެވިލިއަން ދީފައެވެ. އެކުންފުންޏަށް ޕެވިލިއަން ދީފައިވަނީ 19 އަހަރަށް މަހަކު 250،000 ރުފިޔާ ދައްކާގޮތަށެވެ.
އެހެންނަމަވެސް އެ ތަން ހިންގި މުއްދަތުގައި ސިބްކޯއިން ސަރުކާރަށް ކުލި ދައްކާފައި ނުވުމުގެ ސަބަބުން ކޯޓަށް މައްސަލަ ގެންދިޔައެވެ.
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އެ މައްސަލައިގައި ކުއްޔާއި އެޑްވާންސް ހޯދުމަށް ނޯޓިސް ފޮނުވިއެވެ. އަދި އެ ފައިސާ ނުލިބުމުން ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އެހެންނަމަވެސް މިހާރު ވަނީ އެ މައްސަލަ ކޯޓުން ނެރުމަށްފަހު އެތަން އަލުން ހިންގުމަށް ސިބްކޯއަށް ހަވާލުކުރުމަށް އެއްބަސްވެފައެވެ.
ސިބްކޯއަށް މިހާރު އެތަން ހަވާލުކޮށްފައިވާއިރު މި ހަފްތާގެ ތެރޭގައި ވަނީ އެތަން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައެވެ. އެތަން ހިންގާނެ ބަޔަކު ނެތި އެތަނުގައި ހުރި ރެސްޓޯރެންޓްތައް ބަންދުކުރުމުގެ ސަބަބުން އެތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ސިބްކޯއާ އެތަން ހަވާލުކޮށްފައިވަނީ އާ އެއްބަސްވުމެއްގެ ދަށުން ކުރިންވެސް އޮތް 19 އަހަރުގެ މުއްދަތަށެވެ. އަދި މައުލޫމާތު ލިބޭގޮތުގައި މި ފެށޭ ރޯދަ މަހަށް އެތަން އަލުން ހުޅުވިގެންދާނެއެވެ.
ޕެވިލިއަންގައި ތިން ރެސްޓޯރެންޓެއް ހުރެއެވެ. އެއީ ގްލޯރިއާ ޖީންސް އާއި މޯޓީ މަހަލްގެ އިތުރުން ޗިކިން އެވެ.