ބާރަވަނަ ބައި
މަޣުރިބު ނަމާދުގެ ސަޖިދާގައި ޚުޝޫޢަތްތެރިކަމާއެކު އިފާ އެދި ދުޢާ ކުރަމުން ދިޔައީ އިފާގެ އެންމެ ގާތް އެކުވެރިޔާއަށް ކެތްތެރިކަން ދެއްވުމަށާ އެ އެކުވެރިޔާގެ ފުރާނަ ސަލާމަތް ކުރެއްވުމަށާ އަދި ހެޔޮ ހާލުގައި ދުނިޔޭގައި ގިނަ ދުވަހު ލެހެއްޓެވުމަށެވެ.
ނަމާދުކޮށް ނިމިގެން އިފާ ކުޑަގޮތަކަށް ތައްޔާރުވެގެން ކޮޓަރިން ނިކުތްއިރު އިފާގެ ބައްޕަ އިފާގެ އިންތިޒާރުގައި ހުންނަތާ ކިތަންމެ އިރެކެވެ.
ބައްޕަ ފެނުމުން ވެސް އަނގައިން ބުނެލާނެ ހިތްވަރު ނެތް އިފާ ހިނގައިގަތީ ބައްޕައާ އެކު ގަރާޖާ ދިމާއަށެވެ.
އޭރުވެސް ބާރުމިނުގައި ވައިރޯޅި ޖެހެމުން ދިޔައިރު ބޯކޮށް ވާރޭ ވެސް ދިޔައީ ވެހެމުންނެވެ.
އައިޖީއެމް ހޮސްޕިޓަލަށް ކާރު މަޑުކޮށްލުމުގެ ކުރިން އިފާގެ ބައްޕަ ކޮންމެވެސް މީހަކަށް ގުޅާ ޝައިބާ ހޮސްޕިޓަލާ ހަމައަށް ގެނެވިއްޖެތޯ އަހާއަޑު އިފާއަށް އިވެއެވެ.
އިފާއަށް ކާރުން ފޭބުމަށް ބައްޕަ އިޝާރާތް ކުރުމުން އިފާ ކާރުގެ ދޮރުހުޅުވައިލިއެވެ. ދޮރު ލެއްޕުމުގެ ކުރިން ޝައިބާ ވީ އައިސީޔޫގައޭ ކެތްތެރިވާށޭ އިފާގެ ބައްޕަ މަޑުއަޑަކުން ބުނެލިއެވެ.
”ބައްޕަ އެބައަންނަން ކާރު ޕާކުކޮށްލާފަ! ދަރިފުޅު ދޭ އެތެރެއަށް!“
އިފާގެ ބައްޕަ ބުނަމުން ދިޔަ ވާހަކައިން އިފާއަށް އިވުނީ ކުރީބައިން ތަންކޮޅެކެވެ.
އެތެރެއަށް ވަދެގެން ދިޔަ އިފާއަށް އައިސީޔޫއާ ހަމައަށް ދެވުނުއިރު ހުރީ މާނޭވާ ލެވިފައެވެ. އައިސީޔޫއާ ހަމައަށް އިފާއަށް ނުދެވެނީސް ތަންކޮޅެއް ދުރުން އިފާއަށް އަޔާޒު ފެނިއްޖެއެވެ. ދުވެފައި ގޮސް އިފާއަށް ހިފުނީ އަޔާޒުގެ ދެއަތުގައެވެ.
އިސްދަށަށް ޖަހާލައިގެން އެއްފައި ކުރުކޮށްލައިގެން ފާރަށް ލެނގިލައިގެން ހުރި އަޔާޒަށް މީހަކު އޭނަގެ އަތުގައި ހިފެހެއްޓިކަން އެނގުނީވެސް އިފާ އަޔާޒުގެ ނަމުން ގޮވައިލުމުންނެވެ. އިސް އުފުލާ ބަލައިލި އަޔާޒަށް އިފާ ފެނުމުން އަޑުން އަޑުނަގައި ރޮއެ ގަންނަމުން އިފާގައިގާ އޮޅުލައިގަތީއެވެ. ވަށައިގެންވާ މާޙައުލުގައި ތިބި އެއްވެސް ބަޔަކާ އެ ހިސާބު ފަސްދީ ދެކޮޅަށް ދާ އެއްވެސް މީހަކަށް އެމީހުންގެ އެއްވެސް ސަމާލުކަމެއް ނެތެވެ. އެއަށްވުރެ އެ ދެމީހުންގެ ހިތުގެ ހާލު ބޮޑެވެ. ހިތަށް ކޮށްފައިވާ އަސަރު ގަދައެވެ. އެ ދެމީހުން ޙިއްސާކުރަމުން ދިޔައީ ކޮންމެމީހަކު ވެސް އެމީހެއްގެ ދިރިއުޅުމުގައި ވަރަށް މުހިންމު މީހެއްގެ ދިރިއުޅުމަށް ބިންދައިލި ވަރުގަދަ ރާޅެއްގެ ސަބަބުން ދިމާވި ހިތްދަތިކަމެވެ.
އަޔާޒުއާ އިފާ ދުރުކޮށް ދެމީހުން ގެންގޮސް ދެ ގޮނޑީގައި ބޭތިއްބީ އިފާގެ ބައްޕަ އައިސް އިފާގެ ބައްޕައެވެ. ދެން އިފާގެ ބައްޕަ އުޅެގަތީ ޝައިބާގެ މިވަގުތުގެ ހާލަތާ ބެހޭގޮތުން އަދި ޝައިބާއަށް ދެވެން އޮތް އެންމެ ރަނގަޅު އެންމެ އަވަސް ފަރުވާއަކީ ކޮބާތޯ ބެލުމަށެވެ.
ޝައިބާގެ ފައިގެ ސަރޖަރީ ހަދަން ނެގި ހަތަރު ވަރަކަށް ގަޑި އިރުގެ އޮޕަރޭޝަނަށްފަހު ޝައިބާ ހޭ އެރީ އެރޭ ބާރަ ޖަހަން އުޅެނިކޮށެވެ. ހޭ އެރުމާއެކު ވެސް ޝައިބާ ފެށީ ރޯންށެވެ. ޝައިބާއަށް ދިމާވެފައިވާ ޙާލަތުގެ ގޮތުން ޑޮކުޓަރުން އަލުން ޝައިބާ ނިންދެވީއެވެ.
ފަތިސްވާން އުޅެނިކޮށް ޝައިބާ ހޭއެރުމުން އިފާ އެދުނީ އަޔާޒު ގެއަށް ގޮސް ފެންވަރާލާ ހެދުމަށެވެ. އަޔާޒު ބަލައިލީ އިފާގެ މޫނަށެވެ.
”ބައްޕައާ އެކު އަހަރެމެންގެ ގެއަށް ދޭ! އަޔާޒަށް އެއްވެސް ކަމެއް އުދަނގުލެއް ނުވާނެ! ކުޑަކޮށް ނިދާލާ! އަހަރެން މަޑުކުރާނަން!“
އަޔާޒު އެ ބަލައިލި ގޮތުން އިފާއަށް މާނަ ކުރެވުނީ އަޔާޒަށް ގޮތް ހުސްވެފައިވާ މިންވަރެވެ. އިފާ ބޭނުންވީ ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ޝައިބާއާ ގުޅުން ހުރި ހުރިހާ ކަމެއްގައި ވެސް އަޔާޒަށާ ޝައިބާއަށް ދިނުމަށެވެ.
”އަހަރެން މަޑުކުރާނީ!“
އަޔާޒު ގެއަށް ދާކަށް އެއްބަހެއް ނުވިއެވެ.
”އަޔާޒު މިތާ ހުއްޓަސް ވަކި ކުރާނެ ކަމެއް ނޯންނާނެނު! ގެއަށް ގޮސް ފެންވަރާލާ ހަދައިގެން ބޭނުމިއްޔާ އާދޭ! އަޔާޒު ހުރީ ވެސް ތެތް ހެދުމުގަނު!“
އަޔާޒަށް އެނގުނީ އިފާ އަޔާޒުގެ ކަންތަކާ ފިކުރު ހިންގާވަރެވެ.
ބައްޕައަށް ގުޅާނަން! ބައްޕަ ނުނިދާ މަޑުކުރާނެ! ބައްޕަގެ އެއްޗެހި އަޔާޒަށް ލެވޭނެނު!“
އަޔާޒު ވަކި ޖަވާބެއް ނުދިނުމުން އެ ހަމަ ހިމޭންކަމަކީ އާނއެކޭ ކަމަށް ބަލާ އިފާ އުޅެގަތީ އިފާގެ ބައްޕައަށް ގުޅުމަށެވެ.
”އިހަށް ހިނގާ އެއްޗެއް ކާން! އިފާ ވެސް ތިހިރީ މިރޭ އަދި އެއްވެސް އެއްޗެއް ނުކާނު!“
އިފާއަށް އިވުނީ މީގެ އެތައް އަހަރެއް ކުރިން އަޔާޒުގެ ފަރާތުން މަދުން ނަމަވެސް އިވުނު މަޑުމައިތިރި އަޑެވެ. އެއަޑުން އިފާގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިއެވެ. މޫނުމަތިން އެއް ވެސް އަސަރެއް ފާޅުވެދާނެތީ އިފާ ހުރީ ވަރަށް ވިސްނައިގެންނެވެ. ވަކި ޖަވާބެއް ނުދީ އިފާ ހިނގައިގަތީ ކެންޓީނާ ދިމާއަށެވެ. އަޔާޒު ވެސް އިފާއާ އެކު ހިނގައިގަތެވެ.
ބޭރު މަގާވީފަރާތުގައި ހުރި މޭޒެއްގެ ކައިރީ އިށީނުމުގެ ކުރިން އިފާ ގުޅީ ބައްޕައަށެވެ. އަދި ގޭގައި ހުރި ހުސް ކޮޓަރި އަޔާޒު ހުންނަން ހަމަ ޖައްސައިދޭން އެދުނެވެ. އަދި އަޔާޒު ލާނެ އަންނައުނުގެ ކަންތައް ވެސް ހަމަ ޖެއްސިއެވެ.
އަޔާޒު އިށީނދެ އިން ގޮނޑީގެ ކުރިމަތީ ހުރި ގޮނޑީގައި އިފާ އިށީނީ ވަރަށް އުދަނގޫވެ ހުރެއެވެ. އިށީނދެ އިފާ ވެސް އިނީ އިސްޖެހިފައި އިން އަޔާޒުގެ މޫނަށް ބަލަން ނުކެރިއެވެ.
”އަޔާ!“ އިފާގެ އަޑު އިވުމުން އަޔާޒު އިފާއަށް ބަލައިލީ ހުވަފެންކުން ހޭލެވޭ މީހަކު ބަލައިލާ ހެންނެވެ.
”އަސްލު މިހާދިސާ ހިނގީ …… މީ ކިހިނެއް ހިނގި ކަމެއްތަ!“
އެންމެ ފަހުން އިފާއަށް ނީނދެވިގެން ވަރަށް އުދަނގުލުން ކަންހިނގިގޮތް ސާފުކުރަން ސުވާލު ކުރިއެވެ. އިފާ އޮޅުންފިލުވަން އެހި ވާހަކަ އެހި އިރު އަޔާޒު އިނީ ފެންތަށީގައި ތުން ޖަހާގެންނެވެ. އިފާގެ އަޑު އިވުމުން އަޔާޒު އަލުން ފެންތަށި ބެހެއްޓިއެވެ.
”ތި ވާހަކަ އަހަރެމެން ފަހުން ދައްކަމާ!“
އަޔާޒުގެ އަޑުގައިވަނީ ތުރުތުރު ލުމެކެވެ. އެއަޑުން އެކަނި ވެސް އަޔާޒަށް ކޮށްފައިވާ އަސަރު އިފާއަށް ދަނެގަނެވުނެވެ. އެއީ ހިތް ހަލާކުވާފަދަ ހިތްދަތި އަޑެކެވެ.
”ބީ ބްރޭވް!“ އިފާއަށް ހިފުނީ އަޔާޒުގެ އަތުގައެވެ. ދެން އަނެއް އަތުން އަޔާޒުގެ އަތްތިލައިގެ ނުފުށުގައި މަޑު މަޑުން ފިރުމާ ލެވުނެވެ. އިފާގެ އެ ޙަރަކާތަށް އަޔާޒުގެ އެއްވެސް ދެކޮޅު ވެރިކަމެއް ނެތެވެ. އޯގާތެރިއެއްގެ ފިރުމާލުމަކަށް އެދިގެން އިން ކަހަލައެވެ.
އިފާއަށް ކުރެވުނީ ކީއްކަން ހިތަށް އެރުމާއެކު އަޔާޒުގެ އަތުން ދޫކޮށްލާ ހަމަ ޖެހިލިއެވެ. އޭރު ވެއިޓަރު ފައިސާ ދެއްކި ކާއެއްޗެހި ގެނެސް މޭޒުމަތީ ތަބައް ބަހައްޓަނީއެވެ.
އަޔާޒު ކެވޭތޯ ވަރަށް ހިތްވަރު ކުރިއެވެ. އެހެންނަމަވެސް ދެތިން ސުވަލެއްގެ ކާއެތިކޮޅެއް ނޫނީ އެ އަރުތެރެއަކަށް ނުދިޔައެވެ. އިފާ ވަރަށް ކިޔައި އާދޭސް ކޮށްގެން ޖޫސް ތަށި ހުސްކޮށްލިއެވެ.
ދެމީހުން ދާންވެގެން ތެދުވިތަނާ ރަށުން އަޔާޒަށް ފޯނެއް އައުމުން ތެޅިގެންފާ އަޔާޒު ފޯނު ނެގިއެވެ. ވާހަކަ ދެއްކީ އެކޮޅުންނެވެ. އިފާއަށް ފެންނަމުން ދިޔައީ އަޔާޒު ބޯޖަހާލާތަނެވެ. އާނ، ހޫން، ނޫން ވެސް ބައެއް ފަހަރު ބުނެލައެވެ. އަދި އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ބައެއް ފަހަރު އަތުގެ ނުފުށުން ފޮހެލާތަނެވެ. އިފާ ހުރީ އަޔާޒު ފޯނު ނިމެންދެން އެއްވެސް ވާހަކައެއް ނުދައްކަންވެގެން ހަމަ އެކަނި ބަލަހައްޓައިގެންނެވެ. ބޮޑުސިންގާ ފިރިހެންކު ރޯނީ ހިތަށް ހާދަ ތުރާލެއް ލިބިގެންނޭ އިފާ ހިތަށް އެރިއެވެ.
އަޔާޒުގެ ހާލަށް އަޔާޒު ދޫކޮށްލައިގެން އިފާއަކަށް ނުހުރެވުނެވެ. މަޑުމަޑުން އަޔާޒާ ގަތްވެލާ ބުރަކަށީގައި ފިރުމައިލިއެވެ. އަދި ފޯނުގައި ހިފުމުން އަޔާޒު އިފާ އަތަށް ފޯނު ދޫކޮށްލާ ގޮސް ބޭރުމަގުގެ ފާރު ކައިރީ މަޑުކޮށްލިއެވެ.
އިފާ ފޯނު ކަންފަތުގައި ޖެއްސި އިރު ވާހަކަ ދައްކަނީ ފިރިހެނެކެވެ. އިފާ ސަލާމް ގޮވައިލުމަށްފަހު ވާހަކަ ދައްކަނީ އިފާ ކަމުގައި ބުންޏެވެ. އަދި އެ ކޮޅުގެ ހާލަތުގެ ވާހަކަ އެހުމުން މިހާރު ޝަނޫންގެ ކަށުނަމާދުގެ ކަންތައް ކުރިއަށް ދަނީކަމަށް އެމީހަކު އިފާއަށް މައުލޫމާތު ދިނެވެ. ޝައިބާގެ ވާހަކަ ވެސް ކުރުގޮތަކަށް އެހުމަށްފަހު އެމީހާ ފޯނު ބޭއްވީއެވެ.
އެނބުރި އިފާ ބަލައިލީ އަޔާޒުކޮބައިތޯއެވެ. އޭރު ފާރުމަތީ ދެއަތް ވިއްދައިގެން ފާރަށް ހަށިގަނޑުގެ ބަރު ދޫކޮށްލައިގެން އަޔާޒު އޮތެވެ. ކުރިއަށް އަޔާޒު ކައިރިއަށް ހިނގާފައި ދިޔަ އިފާއަށް ތަންކޮޅެއް ދުރުން ވެސް އަޔާޒު ގިސްލާއަޑާ ނޯށް ދަމާއަޑު އިވެން ފެށިއެވެ.
އަޔާޒު ގާތު ހުއްޓެމުން އިފާ ފިރުމައިލީ މަޑުމަޑުން އަޔާޒުގެ ބުރަކަށީގައެވެ. އަދި ދެން އަޔާޒުގެ ވާތުގެ މުލައްދަނޑީގައި އިފާގެ ދެއަތުން ހިފެހެއްޓިއެވެ.
”އަޔާ، ޕްލީޒް….. ތި ވަރަށް ހިތާމަ ނުކޮށްފާނަންތަ! …… ތިވަރަށް ނުރޮއެ ބަލަ!“
އަޔާޒު އެނބުރުނީ އިފާއާ ދިމާއަށެވެ.
”ނިކަން ދެކެބަލަ! އަހަރެންގެ ކޮއްކޮގެ ނަސީބު ކިހާ ދެރަ! އެންމެ ޒުވާން އުމުރުގައި ކިހާ ހިތްދަތިގޮތަކަށް އޭނަ އެންމެ ލޯބިވި އޭނަގެ ފިރިމީހާ އޭނައާ ވަކިވެގެން އެދިޔައީ! އެންމެ ކުޑަމިނުން އޭނަގެ މޫނު ދެކިލުމުގެ ފުރުސަތު ވެސް ކޮއްކޮއަކަށް ނުލިބުނު! އިފާއަށް އެނގޭތަ! ކޮއްކޮ އަކީ އަހަރެންގެ ހުރިހާ ވެސް މީހަކީ! …….. ކީއްވެތަ އަހަރެމެންގެ ފެމެލީއަށް މިހާ ދެރަ ގޮތް މިވަނީ ….. ކީއްވެތަ! އަހަރެމެން ދެބެން ނުލާހިކު ކުޑައިރު ބައްޕަ ނިޔާވީ! މިހާރު ދެން ކޮއްކޮގެ ފިރިމީހާ، އެންމެ ޒުވާން އުމުރުގައި……!“
އަނެއްކާ ވެސް އަޔާޒު ފެށީ ރޯންށެވެ.
”މިންވަރުފުޅަށް އީމާން ވާންވާނެ! ކޮންމެ ކަމެއް ވުމުގައި ވެސް ކޮންމެވެސް ޙިކުމަތްތަކެއް ވާނެ ! ކިހިނެއް އެނގޭނީ މާދަން މެދުވެރިވާނީ އަދި މާރަނގަޅު ގޮތެއް ނޫން ކަމެއްވެސް!“
އޭރު ވެސް އިފާ ހުރީ އަޔާޒުގެ އަތުން ދޫކޮށްނުލައެވެ. ދުރަށް ދާކަށް އަޔާޒު ނުވެސް އުޅެއެވެ.
”ދެން ނުރޯތި! ޝައި މާދެރަ ވާނެ އޭނަގެ ތިއްތިބެ ތި ގޮތަށް ރޯތަން ފެނުނީމަ! ……… އަޔާއަށް ހީވޭތަ އަހަރެންގެ ހިތަށް އަސަރު ނުކުރާތީހެން އަހަރެން ރޯތަން ނުފެންނަނީ! ނޫން! ފުރަތަމަ މިކަންތަކުގެ އަޑުއިވުމުން އަހަރެންގެ ހެއަށް ވެސް ގޮތްވި! ކިރިޔާ ހިތް ނުހުއްޓުނީ! އެކަމަކު އަހަރެން ވާގި އެދުނީ ވަކި ފަރާތަކުން!…….. ﷲގެ ހަޟުރަތުން! އަޔާވެސް ވާނެ ގެއަށް ގޮސް ފެންވަރައިގެން ނަމާދުކޮށްލަން! އަދި ޝަނޫންގެ ފާފަ ފުއްސަވާތޯ ދުޢާ ކުރާތި! އެއީ ޝަނޫންއަށްޓަކައި މިވަގުތު އަހަރެމެނަށް ކޮށްދެވޭނެ އެންމެ ރަނގަޅުކަމަކީ! އަދި އޭރުން އަޔާގެ ހިތަށް ވެސް ހަމަ ޖެހުން ލިބިގެން ދާނެ!“
އަޔާޒު ބޯ ޖަހައިލީ ކުޑަކުއްޖަކު ފަދައިންނެވެ.
ދެމީހުން ހިނގާލާފަ ބޭރު މަގަށް ނިކުތްއިރު އިފާގެ ބައްޕަ އަޔާޒު ބަލާ އައިސް ހުއްޓެވެ. އަޔާޒު ކާރަށް އަރާ އިށީނުމުން އިފާގެ ބައްޕަ ވެސް އަޔާޒަށް ވަރަށް ނަސޭޙަތް ދީ ހިތްވަރު ދިނެވެ. ދެން ކާރުން ފައިބާ ދޮރު ލައްޕާލަމުން ވާހަކަ ދެއްކީ އިފާއާއެވެ.
”ބައްޕަ ހޮސްޕިޓަލުގަ މަޑުކޮށްލާނަން! އެއްވެސް ކަމެއްގަ ޚަބަރެއް ވެލީމަ ބައްޕަ ގުޅާނަން! މިހާރު އެހެރީ ގަޑިން ހައެއް ޖަހާފަ! ދަރިފުޅު ވެސް ދޭ ގެއަށް!“
އިފާގެ ބައްޕަ ވާހަކަ ދެއްކީ އިފާއަށް ވެސް ވިސްނައިދޭ ފަދަ މޭރުމަކުންނެވެ.
ބައްޕަ ވާހަކަ ދެއްކި ގޮތުން ދެކޮޅު ފަށާކަށް އިފާއަކަށް ނުކެރުނެވެ. އިފާ ބަލައިލީ އަޔާޒަށެވެ.
(ނުނިމޭ)