ސިޔާސީ ދާއިރާގައި ކުރިއަށް ވަޑައިގަންނަވާނީ ހުރިހައި ފަރާތްތަކަށް އިޙްތިރާމް ކުރައްވައިގެންކަމަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ހުޅުމާލޭ ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެެއެވެ.
ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ، ހުޅުމާލޭ ދާއިރާއަށް ޕީޕީއެމްއިން ވާދަކުރައްވާ ކެންޑިޑޭޓުންގެ ޖަގަހަ ހުޅުވުމަށްޓަކައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ދެއްކެވި ވާހަކައަކާއި ގުޅިގެން ޝުޖާއުއަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލޭ ދާއިރާއަށް ވާދަކުރައްވާ ރިޒްނާ ޒަރީރަށް ޢިޝާރަތްކުރައްވައި، ސަޢީދު ވިދާޅުވީ ޚަބަރު ވިދާޅުވާން އިންނަވާފައި އައިސް، ޝުޖާއުއާއި ވާދަކުރައްވާން ލަދުގަންނަންޖެހޭ ކަމަށެވެ.
މި ވާހަކައަށް ރައްދުދެއްވައި ރިޒްނާ ވަނީ، މީޑިއާއަކީ ޑިމޮކްރަސީއެއްގެ ހަތަރުވަނަ ބާރުކަން ޢިއްޒަތްތެރި މެންބަރަށް އެނގިވަޑައިނުގެންނެވީތީ ލަދުގަންނަންޖެހޭކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ ނޫސްވެރިކަމުގައި އުޅެފައި ސިޔާސީ ދާއިރާއަށް ވަނުމަކީ ލަދުގަންނަން ޖެހޭވަރުގެކަމެއް ނޫންކަމަށާއި، އަންހެނަކަށްވީތީ ފަހަތަކަށް ޖެހިވަޑައިނުގަންނަވާނެކަމަށް ވެސް ރިޒްނާ ވިދާޅުވިއެވެ.
މެންބަރު ސަޢީދުގެ ވާހަކަތަކާއި ގުޅިގެން ޝުޖާއަށް ފާޑުކިޔުން އަމާޒުވުމުން ވިދާޅުވީ ޑިމޮކްރަސީގެ 4 ވަނަ ބާރަކީ މީޑިއާކަމަށް ޚުދު އޭނާ ވެސް ޤަބޫލުކުރައްވާ ކަމަށެވެ.
”ވަކިން ޚާއްސަކޮށް ތެދު ސައްހަ މަޢުލޫމާތު ހާމަކުރާ މީޑިއާތައް. ދިވެހިން ދެކެފި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ސިޔާސީ ދާއިރާގައި ފުރުސަތު އޮތްތަން.“ ޝުޖާއު ވިދާޅުވިއެވެ.
މި ކަންކަން ފާހަގަކުރެއްވުމަށްފަހު ޝުޖާއު ވިދާޅުވީ ސިޔާސީ ދާއިރާގައި ކުރިއަށް ވަޑައިގަންނަވާނ ހުރިހައި ފަރާތްތަކަށް އިޙްތިރާމް ކުރައްވައިގެންކަމަށް ވެސް ވިދާޅުވެފައެވެ.