މަޤާމްތަކަށް މީހުން އިންތިޚާބު ކުރާ އިރު ސުލޫކު ރަނގަޅު މީހުން އިންތިޚާބު ކުރުމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޛާ އަނާރާ ނައީމް ގޮވާލައްވައިފިއެވެ.
އަނާރާ މިހެން ވިދާޅުވެފައި މިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފް އުމަރު މަޖިލީހަށް ވަޑައިގަންނަ ވަނީ ޕެޑް ޖައްސަވައިގެން ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު އެކަމަށް ފާޑު ވިދާޅުވެމުން ދަނިކޮށެވެ.
އަނާރާ ވިދާޅުވެފައި ވަނީ އިންތިޚާބީ މަޤާމުތަކަށް ސުލޫކީގޮތުން ރަނގަޅު މީހުން ގެނައުމުން ކައުންސިލްތަކުންނާއި މަޖިލިސްތަކުން ހުތުރު ވާހަކަތައް ނީވޭނެ ކަމަށާއި މިހާރު ބައެއް މެންބަރުންގެ ބަސްމަގު ހުންނަގޮތުން ރައްޔިތުން ދެރަވެ ލަދުވެތިވާން ޖެހޭކަމުގައި އަލްއުސްތާޛާ އަނާރާ ވިދާޅުވެފައެވެ.
އަނާރާ މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖްލިސްތެރޭގައި ބައެއް މެންބަރުންގެ ބަސްމަގު ގެންގުޅޭ ގޮތުން ގިނަ ބައެއްގެ ފާޑު ކިޔުންތައް ދަނީ އަމާޒުވަމުންނެވެ.
މީގެ އިތުރުން އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ އަމަލުތަކާއި ވާހަކަ ފުޅުތައް ވެސް މަޖްލިސްތެރެއިން މި ފަހަކަށް އައިސް ދަނީ އަޑުއިވި ފެންނަމުން ދާކަން ފާހަގަ ކުރަމެވެ.