އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރަކާއި ޑޮކްޔާޑެއް ގާއިމުކުރުމަށް އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައި އެއްބަސްވުން ބާތިލުކުރުމަށް ގޮވާލައި އިދިކޮޅުގެ ޖޮއިންޓް ކައުންސިލަށް ގަރާރެއް ހުށަހަޅައިފި އެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާގޮތަށް ބޭރުގެ ސިފައިން އުތުރު ތިލަފަޅާއި، ރާއްޖޭގައި އެކިސަރަހައްދު ތަކުގައި ދާއިމަށް ނުވަތަ ދިގު މުއްދަތަކަށް ތިބުމަށް އެއްބަސްވެފައިވާ އެއްބަސްވުން ތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރުވެރިކަން ގެއްލޭ ހިސާބަށް ކަންތައް ދާނެ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުގެ އެފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
ސަރުކާރުން ބޭރުގެ ފަރާތްތަކާއެކު ވަމުންދާ އެއްބަސްވުންތަކުގެ ސައްހަ ތެދު މައުލޫމާތު ރައްޔިތުންނަށް ހާމަކޮށް ދިނުމަށް ރައްޔިތުން އެދެމުންދިއުމާއެކު ވެސް އެފަދަ މައުލޫމާތު ނުދޭ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ. އަދި އެފަދަ އެއްބަސްވުންތަކުގެ މައުލޫމާތު ސަރުކާރުން ސިއްރުކުރަމުންދަނިކޮށް އިންޑިއާއާއި ދިވެހި ސަރުކާރާ ދެމެދު، އުތުރު ތިލަފަޅު ތަރައްގީކުރުމާއި ބެހޭގޮތުން ހެދިފައިވާ އެއްބަސްވުމެއް ކަމުގައި ބެލެވޭ ލިޔުންތަކެއް މީޑިއާގެ ޒަރީއާއިން ލީކުވިއިރު، އޭގައި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ، އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތީ ބާރުވެރިކަމާއި ފުށުއަރާ އެތަކެއް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭތީ އެ އެއްބަސްވުން ބާތިލުކުރަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.
ސަރުކާރުން ތަކުރާރުކޮށް އުތުރުތިލަފަޅުގެ އެއްބަސްވުން ހާމަކުރުމަށް ދެކޮޅުހަދަމުން ދިއުމަކީ، ގާނޫނުއަސާސީގައި ރައީސުލް ޖުމްހޫރިއްޔާ ވެރިކަންކުރަންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިންކަން ބަޔާންކޮށްފައިވާ ބަޔާންކުރުމާ ހިލާފަށް ކަން އެނގެން އޮންނަ ކަމަށް އެ ގަރާރުގައި ވެއެވެ.
އަދި ގާނޫނުގެ ވެރިކަން ކުރިއަރުވައި އެންމެންގެ ހައްގުތަކާ މިނިވަންކަން ރައްކާތެރިކުރުމަކީ ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަކަށްވެފައި، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ވެރިކަން ކުރައްވަމުންނުގެންދަވާ ކަމަށް ގަބޫލުކު ނުކުރެވޭތީ ރައީސުލް ޖުމްހޫރިއްޔާ މަގާމުން ދުރުކުރުމަށް ކުރަންޖެހޭ މައްސަކަތްރައް ކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.