ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދަކާއެކު ކުރެއްވި އެ ދަތުރުފުޅުގައި ރާއްޖެއިން ފުރާވަޑައިންނެވީ މިދިޔަ އާދިއްތަ ދުވަހުގައެވެ.
އެމަނިކުފާނުގެ ދަތުރުފުޅުގައި ރައިސުލްޖުމްހުރިއްޔާ ވަނީ ގަތަރުގެ އަމީރު ހުންނަވާ ގަނޑުވަރަށް ވަޑައިގެން ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްޘާނީ އާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ އިސް ވެރިން ވަނީ ދެ ގައުމުގެ ދެމެދުގައިއޮތް ދޭދޭ ގުޅުން ދެމެހެއްޓެވުމަށް މަޝްވަރާކުރައްވާފައެވެ.
އޭގެއިތުރުން، ދެ ގައުމު ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީ ވާހަކަފުޅުތަކުގައި ދެ ގައުމަށްވެސް ފައިދާވާ ކަންތައްތަކުގައި، ދެގައުމަށްވެސް ފުރުސަތުތައް ހޯދައި އެކުގައި މަސައްކަތް ކުރެއްވުމަށް މަޝްވަރާކުރެއްވިއެވެ.
އެދަތުރުފުޅުގައި ފަސްޓް ލޭޑީ ފަޒްނާ ވަނީ ގަތަރުގެ އަމީރުގެ އަނބިކަނބަލުން ޝައިހާ ޖަވާހެރް ބިންތް ހަމަދު ބިން ސުހައިމް އައްޘާނީ، އެކަމަނާގެ ޝަރަފުގައި ވަކިން ބޭއްވެވި މެންދުރުގެ ޖާފަތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދުގެ ބޭފުޅުން ދެން ދަތުރުކުރައްވާނީ ބަންގްލަދޭޝްއަށެވެ. ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށް މިކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ”ބާތު ސެންޓެނަރީ އޮފް ޝެއިހް މުޖީބުއްރަހްމާން“ގެ ރަސްމީ ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.