ބޮލީވުޑްގެ މަޝްހޫރު ބަތަލު އާމިރު ހާން ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކާ ދުރަށް ދިޔުމަށް ނިންމައިފި އެވެ.
އާމިރުގެ އުފަންދުވަހާ ގުޅިގެން ކުރި ޕޯސްޓެއްގައި އޭނާ ވަނީ ސޯޝަލް މީޑިއާއާ ވަކިވާން ނިންމާފައިވާ ކަމަށް ހާމަކޮށްފައެވެ.
އޭނާގެ އުފަންދުވަހުގައި އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެއީ އޭނާގެ އެންމެ ފަހުގެ ޕޯސްޓު ކަމަށެވެ. އެއަށްފަހު އޭނާގެ ސޯޝަލް މީޑިއާގެ ހެންޑްލްތަކަށް އާ ޕޯސްޓުތަކެއް ނުލާނެ ކަމަށް އާމިރު ބުންޏެވެ.
އެހެންނަމަވެސް ފޭނުން އެކަމާ ކަންބޮޑުވާކަށް ނުޖެހޭނެ ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ ސޯޝަލް މީޑިއާއާ ވަކިވިނަމަވެސް ފޭނުންނާ ވާހަކަދައްކައި ހެދުމަށް ހާއްސަ އެކައުންޓެއް ހަދާނެ ކަމަށް އޭނާ ބުންޏެވެ.
އެ އެކައުންޓު މެދުވެރިކޮށް އާމިރާއި ފޭނުންނާ ދެމެދު ގުޅާލެވިގެންދާނެ ކަމަށް ވަނީ އޭނާ ބުނެފައެވެ.
އާމިރު ހާން އަށް އޭނާގެ ފޭނުންގެ ފަރާތުން މިހާތަނަށް ލިބިފައިވާ ލޯތްބާއި އަޅާލުމަށް ވަރަށް ބޮޑަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
އާމިރަށް ވަނީ ދާދި ފަހުން 56 އަހަރު ފުރިފައެވެ. އޭނާގެ އުފަންދުވަސް ފާހަގަކޮށްފައިވަނީ އޭނާގެ އާއިލާއާ އެކުގައެވެ.