ރ.ރަސްމާދޫ ރައްޔިތުން ނިކުމެ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ ތިން މީހަކު، ރަށުން ބޭރުކޮށްލައިފިއެވެ.
މިކަމާއި ގުޅިގެން ރަސްމާދޫ ކައުންސިލްގެ ރައީސް ޠާހާ ރަޝީދު ވިދާޅުވީ މިއަދު ރަށުން ބޭރުކުރި މީހުންގެތެރޭގައި ހިމެނެނީ އިނގުރައިދޫ މީހަކާއި، ރަސްމާާދޫ އަންހެނަކާއި ކައިވެނިކޮށްގެން އުޅޭ މާލޭ މީހެއް ކަމަށާއި، ބިދޭސީއެއް ކަމަށެވެ.
ޠާހާ ވިދާޅުވީ އެ ތިން މީހުން ރަށުން ބޭލުމަށް ރަށުގެ ރައްޔިތުން މުޒާހަރާކުރަން ފެށުމުން ފުލުހުންނާއި ވާހަކަދައްކަވައިގެން އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް އެދިލެއްވި ކަމަށާއި، ނަމަވެސް ފުލުހުން އެކަމާއި ދެކޮޅު ހަދާފައިވާ ކަމަށެވެ.
ރަށުގެ ރައްޔިތުން މިއަދު މުޒާހަރާކުރީ އެ މީހުން ގެނައި ތަކެތީގެތެރެއިން މަސްތުވާތަކެތި ފެނި، އެކަމާ ނުބެހޭ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދާދިފަހުން 18 އަހަރު ފުރުނު ޒުވާނެއް ކަމަށާއި، އޭނާ ހައްޔަރުކުރީ ލޯންޗުން ދަތުރުކުރި މީހުންގެ ފޮށިތައް ބާލަން އުޅެނިކޮށް ކަމަށެވެ.