އަމިއްލަ ޤައުމުގެ މިނިވަންކަމާއި، ސިޔާދަތަށް ބުރޫ އަރާ ކަހަލަ އެއްވެސް ކަމެއް، އެއްވެސް ސަރުކާރަކުން ނުކުރާނެކަމަށް ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް މުހުތާާޒު މުޙުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒު މިހެން ވިދާޅުވީ ރާއްޖެއިން އިންޑިއާ ސަރުކާރާއެކު ޤާއިމުކުރި އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއްކަމަށް ބުނާ ލިޔުންތަކެއް މިއަދު ލީކްވެފައިވަނިކޮށެވެ.
އެ އެއްބަސްވުމުގައި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނުރައްކަލަށް ހުށަހެޅޭ އެތައްކަމެއް ހުރިއިރު، ސިޔާސީ ބައެއް ބޭފުޅުންނާއި، ޢާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެ ލިޔުންތަކުގައި ވާގޮތުން އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 30 އަހަރުވަންދެން އެއްބަސްވުން ޤާއިމުވެ އޮންނާނެއެވެ.
މުހުތާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމިއްލަ ޤައުމުގެ މިނިވަންކަމާއި، ސިޔާދަތަށް ބުރޫ އަރާ ކަހަލަ އެއްވެސް ކަމެއް، އެއްވެސް ސަރުކާރަކުން ނުކުރާނެކަމަށެވެ.
ހަމައެހެންމެ ސިޔާސީ މަންފާއަށްޓަކައި، ޤަައުމީ ސަލާމަތާއި، ދޭދޭ ޤައުމުތަކުގެ ޚާރިޖީ ގުޅުންތަކަށް ބުރޫއަރާ ޒާތުގެ ވާހަކަތައް ދެއްކުމަކީ ދިވެހި ސިޔާސީ މަސްރަހުގައި މީގެ ކުރިން އަދި މިހާރު ވެސް ހިނގާކަމެއް ކަމަށެވެ.