މިއުޒިކުގެ ދާއިރާއިން ދެމުން ގެންދާ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ގްރެމީސް އެވޯޑްގައި ހޮލީވުޑްގެ މަޝްހޫރު ފަންނާނުން ކަމަށްވާ ޓޭލާ ސްވިފްޓް އާއި ބިޔޯންސޭ ރެކޯޑުތައް މުގުރާލައި ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.
މިއަހަރުގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ”އަލްބަމް އޮފް ދަ އިޔާ“ އެވޯޑް ކާމިޔާބުކޮށް ޓޭލާ ވަނީ ރިކޯޑު ގާއިމުކޮށްފައެވެ.
އަލްބަމް އޮފް ދަ އިޔާ އެވޯޑް މިއަހަރު ޓޭލާއަށް ލިބި އޭނާ ވެގެން ގޮސްފައިވަނީ އެ އެވޯޑު އެންމެ ގިނަ ފަހަރަށް ލިބިފައިިވާ އަންހެން ފަންނާނަށެވެ. ޓޭލާ ވަނީ މީގެ ކުރީން ދެފަހަރަކު އެ އެވޯޑް ހޯދާފައެވެ. އެއީ އޭނާގެ އަލްބަމް ”ފިއާލެސް“ އާއި ”1989“ އަށެވެ. މިފަހަރު އޭނާއަށް އަލްބަމް އޮފް އިޔާ ލިބިފައިވަނީ މިދިޔަ އަހަރު ނެރުނު ”ފޯކްލޯ“ އަށެވެ.
އެ އެވޯޑަށް ނޯމިނޭޓްވި އެހެން ފަންނާނުންނަކީ ބިލީ އައިލިޝް އާއި ހާ އާއި މޭގަން ދީ ސްޓޭލިއަން އެވެ. ނަމަވެސް ޓޭލާ އެ އެވޯޑު ކާމިޔާބުކޮށް މުޅިން އާ ރެކޯޑެއް ގާއިމުކޮށްފައިވެއެވެ.
ބިޔޯންސޭގެ ”ބްލެކް ޕެރޭޑް“ ވަނީ މުޅި ޝޯގައި އެންމެ ގިނަ ނޯމިނޭޝަން ހޯދާފައެވެ. ޖުމްލަ ނުވަ އެވޯޑަކަށް ބިޔޯންސޭ ނޯމިނޭޓް ވެފައި އޮތުމުން އޭނާއަށް ރިކޯޑެއް ގާއިމުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިއްބެވެ.
އެގޮތުން ހަތަރު އެވޯޑެއް ކާމިޔާބުވެ ބިޔޯންސޭ ވެސް ވަނީ ގްރެމީސްގެ ތާރީހުގެ ތެރެއަށް ވަދެގެން ގޮސްފައެވެ. އެއީ މުޅި އެވޯޑުގެ ތާރީހުގައިވެސް އެންމެ ގިނަ އެވޯޑު ލިބިފައިވާ ފަންނާނުގެ ރެކޯޑެވެ. މީގެކުރީން 27 އެވޯޑާއެކު އެ ރެކޯޑު ގާއިމުކޮށްފައިވަނީ އެލިސަން ކްރައުސް އެވެ. ނަމަވެސް ބިޔޯންސޭގެ ހަތަރުވަނަ ކާމިޔާބާއެކު އޭނާއަށް ގްރެމީސްގައި ލިބުނު އެވޯޑުގެ އަދަދު ވަނީ މިހާރު 28 އަށް އަރާފައެވެ. އެއާއެކު އެންމެ ގިނަ އެވޯޑު ލިބުނު ފަންނާނަކަށް ބިޔޯންސޭ ވަނީ ވެފައެވެ.