އާންމުން ކޮވިޑް-19 ވެކްސީން ޖެހުމުގައި ބޭނުންވާ ބްރޭންޑްގެ ވެކްސީން ޖެހުމުގެ އިހުތިޔާރު ލިބެން ނުހުންނާނެ ކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ޜައްޖޭގައި ސައިނޯފާމް ވެކްސީން ދިނުން ހުއްދަކޮށްފައިވާ ކަމަށް ދާދި ފަހުން ވަނީ އިއުލާނުކޮށްފައެވެ. މީގެކުރީން ރާއްޖެއިން ދެމުން ދިޔައީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ ”ކޮވިޝީލްޑް“ ވެކްސީން އެކަންޏެވެ.
މިއަދު އެޗްއޯސީއީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އާންމުންނަށް ވެކްސީން ދޭއިރު ބޭނުންވާ ބްރޭންޑެއް ހިޔާރު ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އެހެންނަމަވެސް ވެކްސީން ދިނުމުގެ ކުރީން އެއީ ކޮން ވައްތަރެއްގެ ވެކްސީންއެއް ކަން އަންގާނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ސައިނޯފާމް ވެކްސީންގެ އިތުރު ފައިޒާ ބްރޭންޑް ވެކްސީންވެސް ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ވެކްސީން ރާއްކާކޮށްފައި ބަހައްޓާނެ ޖާގަ އެބަހުރި ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިއަދު މިއީ އާންމުންނަށް ވެކްސީންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލައި ދުވަހެވެ. އެއާ ގުޅިގެން ގިނަ އަދަދަކަށް މީހުން ވަނީ ވެކްސިނޭޝަން ސެންޓަރުތައް ކައިރިއަށް އެއްވެފައެވެ. ރާއްޖޭގެ އާބާދީގެ 46 ޕަސެންޓް ވަނީ މިހާރު ވެކްސީން ޖަހާފައެވެ.