އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ އަސްލު ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީއަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށާއި، އެ އެއްބަސްވުމުގައި ޤައުމުގެ މިނިވަންކަމަށް ނުރައްކާވާފަދަ ކަންކަން ހުރިތޯ ބައްލަވައިދެއްވުމަށް އެދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފިއެވެ.
އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއިކުރި، އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއްކަމަށް ބެލެވޭ ލިޔުންތަކެއް މިއަދު ވަނީ ލީކްވެފައެވެ.
މި ގޮތުން ޝަރީފް, ނަޝީދަށް ފޮނުއްވެވި ސިޓީގައި, އެއްބަސްވުމުގައިވާ ކަންތައްތަކަށް ބަލާއިރު، ޤައުމީ ސަލާމަތާއި މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ގިނަގުނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވޭކަމަށް ވިދާޅުވެފައިވެއެވެ. އަދި އެކަމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
އެހެންކަމުން އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ އަސްލު ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް (241) ލިބޭނެ ގޮތް ހައްދަވައިދެއްވުމަށާއި، އެ އެއްބަސްވުމުގައި ޤައުމުގެ މިނިވަންކަމަށް ނުރައްކާވާފަދަ ކަންކަން ހުރިތޯ ބައްލަވައިދެއްވުމަށް، ޝަރީފްގެ ސިޓީގައިވަނީ އެދިވަޑައިގެންފައެވެ.