ދިވެހި ސަރުކާރުން އިއްޔެ އިފްތިތާހު ކުރި، ފްލޯޓިންގ އައިލެންޑް ޓެކްނޮލޮޖީއަކީ ގިނަ މައްސަލަ ތަކަކަށް ހައްލު ގެނުވާނެ، ފަހުރުވެރި މަޝްރޫއު އެއް ކަމަށް ރައްޔިތުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ނެދަލެންޑްސްގެ އީޖާދެއް ކަމުގައިވާ ފްލޯޓިންގް އައިލެންޑްސް ބޭނުންކޮށްގެން ރާއްޖޭގައި ރަށްތަކެއް ހެދުމަށް އެގައުމުގެ ޑަޗް ޑޮކްލެންޑްސް ކުންފުންޏާއެކު ދެވަނަ ފަހަރަށް ހެދި އެއްބަސްވުމުގެ ދަށުން އެ ޕްރޮޖެކްޓު ލޯންޗުކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، މި ޕްރޮޖެކްޓުގެ ދަށުން، ބޯހިޔާވަހި ކަމަށް އިންގިލާބީ ބަދަލެއް ގެނުވާނެ ކަމަށާއި، އަދި އެ މަސައްކަތަކީ މޫސުމަށް އަންނަ ބަދަލާއި ލޮނުގަނޑު އުފުލިގެންދާ ދިއުމާއި ބިން މަދުވުމުގެ މައްސަލަތަކަށް ހައްލެއްގެ ގޮތުގައި ހުށަހެޅޭ ޓެކްނޮލޮޖީއެއް ކަމަށެވެ.
މި މަޝްރޫއަކީ އެމަނިކުފާނުގެ ވެރިކަމުގެ 2010 ވަނަ އަހަރު ފެށުމަށް ނިންމި ނިންމުމެކެވެ. އެހެން ނަމަވެސް 2010 ވަނަ އަހަރު އެއްބަސްވީ، ފްލޯޓިންގް އައިލެންޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ރިސޯޓު ހެދުމަށެވެ.
ޕްރޮޖެކްޓުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ޕްރެސްރިލީޒެއްގައި ބުނީ މާލެ/ހުޅުލެ އިން ފުރައިގެން 10 މިނެޓުން ދެވޭ ސަރަހައްދުގައި ތަރައްގީ ކުރީ އެ ސިޓީއަކީ އެ ކޮންސެޕްޓަށް ދުނިޔޭގައި ހަދާ ފުރަތަމަ ސިޓީ ކަމަށެވެ.