ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ހިމާޔަތްކޮށްދޭނެ ހަމައެކަނި ލީޑަރަކީ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުކަން މިއަދު ރައްޔިތުންނަށް ޔަޤީންވާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ހުސްވި ފެބްރުއަރީމަހުގެ 21 ގައި އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ޤާއިމުކުރި، އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ރާއްޖެއަށް ނުރައްކާވާފަދަ އެތައްކަމެއް ހުރިކަން ދިވެހިންނަށް މިއަދު ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.
ޝުޖާ ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލޭ އެއްވެސްކަމަކަށް އިދިކޮޅު ކޯލިޝަނުން ތާއީދެއްނުކުރާނެ ކަމަށެވެ. އަދި އިހެކޭ އެއްފަދައިން މިއަދު ވެސް މި ތިބީ އެ ގޮތުގައިކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ހިމާޔަތްކޮށްދޭނެ ހަމައެކަނި ލީޑަރަކީ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުކަން މިއަދު ރައްޔިތުންނަށް ޔަޤީންވާނެކަމަށެވެ. އަދި އެކަން ހިމާޔަތްކޮށްދޭނީ އެ މަނިކުފާނުގެ ޕާޓީންކަން ވެސް ޔަޤީންވެފައިވާ ކަމަށެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ވާގޮތުން ސޮއިކުރާ ތާރީޚުން ފެށިގެން 30 އަހަރުވަންދެން އެއްބަސްވުން ދެމި އޮންނައިރު، އޮޓޯއިން އެއްބަސްވުން އިތުރު 30 އަހަރަށް އާވާނެއެވެ.