ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގުޅިފައިވާ ކޯލިޝަން ސަރުކާރުން ދިވެހި ރާއްޖެ ވިއްކާލާ ދިވެހި ރައްޔިތުން އަޅުވެތި ކޮށްފައި ވާކަމަށް، އިދިކޮޅި ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމުގެ ޒިންމާ އަދާ ކުރައްވަމުން ގެންދަވާ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުން އިންޑިއާ އާއި އެކު ވެފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ހުރި ކަންކަން ނޫސްތަކުގައި ތިލަވުމާއި ގުޅިގެން ކުރެއްވި ޓުއީޓެއްގައެވެ.
“ ޞާލިޙުގެ ކޯލިޝަން ސަރުކާރުން ދިވެހިގައުމު ވިއްކާލާ ދިވެހިން އަޅުވެތިކޮށްފި. ގައުމަށް ޣައްދާރުވެއްޖެ. ރައްޔިތުންނަށް ޚިޔާނާތްތެރިވެއްޖެ. ދިވެހިންގެ ދިވެހި ގައުމު އަނބުރާ ދިވެހިންނަށް ހޯދުމަށް ދިވެހިން ނުކުންނަންވީ ވަގުތުޖެހިއްޖެ“ އަދުރޭ ކުރެއްވި ޓުއީޓުގައި ވިދާޅިވިއެވެ.
އުތުރު ތިލަފަޅު އެއްބަސް ވުމަކީ، އުތުރު ތިލަފަޅުގައި އިންޑިއާ އާއި ރާއްޖެ ގުޅިގެން ތައްޔާރުކުރާ އަސްކަރީ ބަނދަރާއި ޑޮކްޔާޑެއް ތަރައްގީ ކުރުމުގެ އެއްބަސް ވުމެކެވެ. މި އެއްބަސް ވުމުގައި ހުރި ކަންކަމާއި ގުޅިގެން ގިނަ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.