އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި ވިޔަފާރިތަކަށް ލިބެމުން އަންނަ ގެއްލުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސައަށް ބަހުސްކުރަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެތެރެއިން އެންމެ ބޭފުޅަކު ފިޔަވައި ހުރިހައި ބޭފުޅުން ވަނީ ބަހުސްކުރަން ފެންނަކަމަށް ވޯޓުދެއްވާފައެވެ.
މައްސަލަ ހުށަހަޅުއްވަމުން ސަޢީދު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށުގައި، ވަކިން ޚާއްސަކޮށް މާލޭގައި ވިޔަފާރިކުރާ އެތައް ފަރާތަކަށް ގޮތް ހުސްވަމުންދާ ކަމަށެވެ.
ހަމައެހެންމެ ކުދި ވިޔަފާރިތަކުގެ އިތުރުން އެއްްގަމު އުޅަނދުތަކުގައި ދަތުރުފަތުރުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކާއި، ކަނޑު ދަތުރުފަތުރުތަކާއި، މުދާ އުފުލާ ފަރާތްތަކާއި، މުދާ އެއްތަނުން އަނެއްތަނަށް ގެންދިއުުމުގެ ޚިދުމަތުގައި ހިމެނޭ ލޮޖިސްޓިކް ޚިދުމަތާއި، މަޖޫރީންގެ ވިޔަފާރިތަކާއި އެ ޚިދުމަތްތަކާގުޅޭ ވިޔަފާރިތައް ހީނަރުވަމުންދާތީ ސަރުކާރުގެ ސަމާލުކަށް ގެނައުމަށްޓަކައި، މަޖިލީހުގެ ޤަވާއިދުގެ 110 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހަޅުއްވާ ކަމަށެވެ.