މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ފޯނުތަކެއް ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި މާފުށީ ޖަލުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ފޯނުތަކެއް އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެ ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ދަށުން 15 ސްމާޓްފޯނު އަތުލައިގެންފައިވެއެވެ. އޭގެތެރޭގައި ގިނައިން ހުރީ ޝިއޯމީ އާއި ރެޑްމީ ބްރޭންޑްގެ ފޯނުތަކެވެ.
ފޯނުގެ އިތުރުން ހަތަރު ޔޫއެސްބީ ކޭބަލްއާއި ޗާޖަރުވެސް ވަނީ ހޯދާފައި ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ.