ސަރުކާރުން އިއްޔެ ވަނީ ބޯހިޔާވަަހި ކަމުގެ ”ރެވޮލޫޝަނަރީ“ ހުވަފެނީ ބޮޑު ޕްރޮޖެކްޓެއް ލޯންޗުކޮށްފައެވެ. ރާއްޖޭގެ ވަށައިގެންވާ މާހައުލާ ގުޅޭގޮތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓަކީ ރާއްޖޭގެ ފަޅުތެރޭގެ ފެންގަނޑު މަތީގައި އޮންނާނެ އަގުބޮޑު ފްލޯޓިން ސިޓީއެކެވެ. ޒަމާނީ ފްލޯޓިން ސިޓީގެ ހުވަފެން އެތައް ބަޔަކަށް ހަގީގަތަކަށް ވާ ހިސާބާ ގާތްވެއްޖެއެވެ. އެހެންނަމަވެސް އެއީ އާންމު ރައްޔިތުންނަށް އަތް ފޯރާ ފަށުގައި އޮތް ހުވަފެނެއް ނޫނެވެ. ސަބަބަކީ އަތުގައި ހަތަރު މިލިއަން ރުފިޔާ ނެތުމުންނެވެ.
ސަރުކާރުން އިއްޔެ ވަނީ މޯލްޑިވްސް ފްލޯޓިން ސިޓީ ޕްރޮޖެކްޓް އަލުން ލޯންޗުކޮށްފައެވެ. އެއީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިއުލާނުކޮށްފައިވާ ޕްރޮޖެކްޓެކެވެ. ޑަޗް ޑޮކްލޭންޑްސް އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށްވާ އެ ޕްރޮޖެކްޓު ފުރަތަމަ ލޯންޗުކުރީ 2011 ވަނަ އަހަރުގައެވެ.
އެއަށްފަހު އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް މާލެ ގާތުގައި އޮންނަ އާރަށް ފަޅުން 200 ހެކްޓަރުގެ ސަރަހައްދެއް ވަނީ ޑަޗް ޑޮކްލޭންޑަށް ހަވާލުކޮށްފައެވެ. ސަރުކާރުން އިއްޔެ ޕްރޮޖެކްޓް ލޯންޗުކުރުމަށްފަހު ހާމަކޮށްފައިވާގޮތުގައި މި ސެޕްޓެމްބަރު މަހުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފެށުމަށް ތައްޔާރުވެފައެވެ.
ސަރުކާރުން ހާމަކޮށްފައިވާގޮތުގައި އެ ޕްރޮޖެކްޓުގެ ދަށުން 5،000 ފްލޯޓިން ޔުނިޓް ގާއިމުކުރާނެއެވެ. އަދި އެ ޔުނިޓުތަކަކީ މެދުފަންތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ތައްޔާރުކުރާ ޔުނިޓްތަކެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ހައުސިންނަށް ޝައުގުވެރިކަން ފާޅުކުުރުމަށް ވަނީ މިހާރު ހުޅުވާލާފައެވެ. އެހެންނަމަވެސް މެދުފަންތީގެ ފަރާތްތަކަށް އެ ފްލޯޓިން ސިޓީން ތަންކޮޅެއް ލިބޭނެ ކަމާ މެދު ޝައްކެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީގެ ވެބްސައިޓްއިން ހާމަކޮށްފައިވާގޮތުގައި އެ ފްލޯޓިން ސިޓީގައި އާންމުންނަށް ދިރިއުޅޭނެ ސަރަހައްދުގެ އިތުރުން ހޮޓެލްތަކާއި ފިހާރަތަކުގެ އިތުރުން ރެސްޓޯރެންޓްތައްވެސް ހުންނާނެއެވެ. އަދި އެތަންތަނުގެ ފެށޭ އަގަކީ 250،000 ޑޮލަރު ކަމަށްވެސް ވަނީ ހާމަކޮށްފައެވެ. އެ އަގު ދިވެހި ރުފިޔާއަށް ބަދަލުކުރާނަމަ އެއީ ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ އެވެ.
މާލޭގެ ލަގްޜަރީ އެޕާޓްމެންޓްތަކަށް ބަލާނަމަވެސް އެއީ ބޮޑު އަދަދެކެވެ. ހުޅުމާލޭގެ ލަގްޜަރީ އެޕާޓްމެންޓްތަކުގެ ތެރެއިން އެއް މިލިއަން ރުފިޔާއަށްވެސް އެޕާޓްމެންޓް ލިބޭނެއެވެ.
އެހެންނަމަވެސް ފްލޯޓިން ސިިޓީގެ ގެތައް ތަފާތުވާނެ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގެ ސަރުކާރާއި ޑަޗް ޑޮކްލޭންޑް އިން ބުނެފައިވަނީ ފްލޯޓިން ސިޓީއަކީ ދުނިޔޭގައި އަޅައި އެފަދަ ފުރަތަމަ ސިޓީ ކަމަށެވެ. އެ ސިޓީ ވެގެންދާނީ އާންމުން ދިރިއުޅެން ބޭނުންވާނެ ތަނަކަށް ކަމަށްވެސް ވަނީ ބުނެފައެވެ. އެގޮތުން އެތަނުގެ އިމާރާތްތައް ހުންނާނީ ތިރިކޮށް، ދެފަރާތުގައި ރީތިކޮށް ރަށް އިންދާފައި ހުންނަ މަގުތަކުގައި މޫދު ފެންނަ ގޮތަށް ފިހާރައާއި ގެތަކާ ހިދުމަތް ހިމެނޭ ގޮތަށެވެ.
ގުޅާލެވިފައިވާ ބްރިޖުތަކާއި ފެނުތެރޭގައި ހަދާފައިވާ މަގުތަކާ ރަށުގެ އެކި ދިމާލުގައި ހަދާފައިވާ ބަނދަރުތަކުން އެ ސިޓީގައި ހިދުމަތްތައް ހޯދުމަށް ފަސޭހަވާނެ ކަމަށް ބުނެއެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުގައި ފްލޯޓިން ސިޓީ ހެދުމަށްޓަކައި އެއްވެސް ފަޅެއް ހިއްކާކަށް ނުޖެހޭނެ ކަމަށެވެ. އެހެންކަމުން ފަޅުތަކަށް ކުރާ ގެއްލުން ކުޑަވެގެންދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.