މިއުޒިކުގެ ދާއިރާއިން ދެމުން ގެންދާ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ގްރެމީސްގައި މިއަހަރު ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޓޭލާ ސްވިފްޓް އާއި ބިޔޯންސޭއަށް ތާރީހީ އަހަރަކަށް ވެގެން ގޮސްދާނެއެވެ.
ޓޭލާ އާއި ބިޔޯންސޭއަށް މިއަހަރުގެ ގްރެމީސް ވަރަށް ހާއްސަ ވެގެންދާނެއެވެ. ދެ ފަންނާނުންނަށްވެސް އެވޯޑްޝޯ ހާއްސަ ވެގެންދާނީ ތަފާތު ސަބަބުތަކަށެވެ.
ޓޭލާ ވަނީ ގްރެމީސްގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ”އަލްބަމް އޮފް ދަ އިޔާ“ އަށް ނޯމިނޭޓް ވެފައެވެ. އޭނާ މިއަހަރުގެ އެ އެވޯޑް ކާމިޔާބުކޮށްފިނަމަ ތާރީހުގެ ތެރޭގައި ހިމެނިގެންދާނެއެވެ.
އަލްބަމް އޮފް ދަ އިޔާ އެވޯޑް މިއަހަރު ޓޭލާއަށް ލިބިއްޖެނަމަ އޭނާ ވެގެންދާނީ އެ އެވޯޑު އެންމެ ގިނަ ފަހަރަށް ލިބިފައިިވާ އަންހެން ފަންނާނަށެވެ. ޓޭލާ ވަނީ މީގެ ކުރީން ދެފަހަރަކު އެ އެވޯޑް ހޯދާފައެވެ. އެއީ އޭނާގެ އަލްބަމް ”ފިއާލެސް“ އާއި ”1989“ އަށެވެ.
ބިޔޯންސޭއަށް އަދި މިހާތަނަށް އަލްބަމް އޮފް ދަ އިޔާ ލިބިފައެއް ނުވެއެވެ. އަދި މިއަހަރުވެސް އޭނާއަށް އެ އެވޯޑެއް ނުލިބޭނެއެވެ. ސަބަބަކީ އެ އެވޯޑަށް ބިޔޯންސޭ ނޯމިނޭޓް ވެފައި ނެތުމުންނެވެ.
އެހެންނަމަވެސް އޭނާގެ ”ބްލެކް ޕެރޭޑް“ ވަނީ މުޅި ޝޯގައި އެންމެ ގިނަ ނޯމިނޭޝަން ހޯދާފައެވެ. ޖުމްލަ ނުވަ އެވޯޑަކަށް ބިޔޯންސޭ ނޯމިނޭޓް ވެފައި އޮތުމުން އޭނާއަށް ރިކޯޑެއް ގާއިމުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. އެއީ މިހާނަށް އެންމެ ގިނަ ގްރެމީ ހޯދާފައިވާ އެލިސަން ކްރައުސް ވައްޓާލުމުގެ ފުރުސަތެވެ.
އެލިސަން ކްރައުސް އަށް 27 އެވޯޑެއް ލިބިފައިވާއިރު ބިޔޯންސޭއަށް ވަނީ މީގެކުރީން 24 އެވޯޑެއް ލިބިފައެވެ. އެހެންކަމުން މިފަހަރުގެ އެވޯޑުގައި ހަތަރު އެވޯޑަށްވުރެ ގިނަ އެވޯޑު ބިޔޯންސޭއަށް ލިބިއްޖެނަމަ ކްރައުސްގެ ރެކޯޑް މުގުރާލެވޭނެއެވެ.