ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ދައުލަތަށް 29 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނު ހަމަކޮށްފިއެވެ.
އޭސީސީން މިއަދު ޢާންމު ކުރި 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރުގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ދަޢުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށްޓަކައި ކަމާބެހޭ އެކި އިދާރާތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަން އެދިފައިވާނެ ކަމަށެވެ.
އެ ކޮމިޝަނުން މިދިޔަ އަހަރު ނިންމި 7 މައްސަލައެއްގައި ހިމެނޭ ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ކަމަށް އޭސީސީން ބުނާއިރު ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި ކޮމިޝަނުން އެކި ފަރާތްތަކަށް އަންގާފައިވާ ފައިސާގެ ތެރެއިން 11،000 ރުފިޔާ މިދިޔަ އަހަރު ލިބިފައިވާ ކަމަށެވެ.
އެގޮތުން މިއީ އަމިއްލަ ބޭނުމަށް ދައުލަތުގެ ފައިސާ އިން އިތުރަށް ބޭނުންކޮށްފައިވާ ފަރާތެއްގެ އަތުން ހޯދުމަށް ކޮމިޝަނުން ޕީޖީ އޮފީހުގައި އެދިފައިވާ މައްސަލައެއް ކަމަށް އޭސީސީންގެ ރިޕޯޓްގައިވެއެވެ.
މިދިޔަ އަހަރު އެންމެ ގިނައިން އޭސީސީގައި ރަޖިސްޓްރީ ކޮށްފައި ވަނީ ޕްރޮކިއުމަންޓާ ގުޅުންހުރި މައްސަލަތަކެވެ.މިދިޔަ އަހަރު ތެރޭގައި ޕްރޮކިއުމަންޓާ ގުޅުންހުރި 376 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ އިރު ވަޒީފާއާއި ގުޅުން ހުރި 127 މައްސަލައެއް އަދި ގޯތިގެދޮރާ ގުޅުންހުރި 89 މައްސަލައެއް ރަޖިސްޓްރީކުރެވިފައިވެއެވެ.
2020 ވަނަ އަހަރުގެ ތެރޭގައި ކޮމިޝަނުގައި ޖުމްލަ 938 މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އޭގެތެރެއިން ކޮމިޝަނުން 961 މައްސަލައެއް ބަލައި ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް 15 މައްސަލައެއް ފޮނުވާފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.