ތ. ވިލުފުށީގައި އެއާޕޯޓެއް އެޅުމަށްޓަކައި ހަ ފަރާތެއް ޝައުވެރިކަން ފާޅުކޮށްފިއެވެ.
ތ. އަތޮޅު އެމްޑީޕީ ކެނޑިޑޭޓުންނަށް ހާއްސަކޮށް ރޭގައި ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ވިލުފުށީގައި އެއާޕޯޓު އަޅަން ހުޅުވާލުމުން ހަ ފަރާތެއް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
އެ ފަރާތްތައް ޝޯޓްލިސްޓުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތް ބަޔަކާ ހަވާލުކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ވިލުފުށި ހިމެނޭ ގޮތަށް ފަސް ރަށެއްގައި އެއާޕޯޓު ގާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ މ. މުލީ އާއި ހދ. މަކުނުދޫ އާއި ށ. ބިލެއްފައްސާއި ބ. ތުޅާދޫއެވެ.
އެ މަސައްކަތްތަކުގެ ދަށުން މިދިޔަ މަހުގެ 28 ގައި ވަނީ މުލީ އެއާޕޯޓު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 221.7 މިލިއަން ރުފިޔާއަށެވެ. އަދި އެއް އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ވަނީ ހަމަޖައްސާފައެވެ.