މިއަދު ފާހަގަކުރަމުންދާ ޝަހީދުންގެ ދުވަހާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ޤައުމަށް މެސެޖެއް ދެއްވައިފިއެވެ.
ޤައުމަށްޓަކައި ލޭއޮރުވައިލައި ޝަހީދުވެވަޑައިގަތް އަބްޠާލުންގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ދުވަހަކީ ޝަހީދުންގެ ދުވަހެވެ. އައްސުލްޠާނު ޢަލީ (6 ވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުންނަށް ނިސްބަތްކުރެވިގެންވާ މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ވެސް ޝަޢުބާންމަހުގެ 01 ގައެވެ.
މިއަދާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ކުރިން ދިވެހި ކާބަފައިން ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދުކޮށް، ޝަހީދުވި ފަދައިން މިއަދު ވެސް ޤައުމުގެ ސިޔާދަތު ހޯދައި ދެމެހެއްޓުމަށްޓަކައި ވާންޖެހިފައިވާ ޤުރުބާނީ ވަރަށް ބޮޑުކަމަށެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވަނީ ޤައުމާއި ދީނުގެ ހައްޤުގައި ޝަހީދުވެދިޔަ ބަޠަލުންގެ ހަނދާން އައުކޮށް، އެންމެން ގުޅިގެން ކުރިއަށް ދިއުމަކީ ޤައުމަށް ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުންކަން ފާހަގަކުރައްވާފައެވެ.