ދިވެހިންގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން އިން އިންޑިއާގެ މުމްބާއީ އާއި މާފަރާއި ދެމެދު ދަތުރުތައް ފެށުމަށް ނިންމާފައި ވާކަމަށް އެކުންފުނިން ހާމަ ކޮށްފިއެވެ.
މާފަރާއި މުމްބާއީ އާއި ދެމެދު ދަތުރުތައް ފެށުމަށް ތައްޔާރު ވަމުން ދާއިރު، އަންނަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް، ގައުމީ އެއާލައިން އިން ވަނީ ބުނެފައެވެ.
އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނީގެ އައު މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮންމެ ހަފުތާއަކު 3 ފުލައިޓު މުމްބާއިން މާފަރަށް އަންނާނެ ކަމަށާއި، އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައްވަނީ ވެފައި ކަމަށެވެ. އަދި އިންޑިޔާގެ ޓުއާ އޮޕަރޭޓަރުންނާއެކުވެސް މަސައްކަތް ކޮށްފައިވާނެ ކަމަށާއި، އަދި މިހާތަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް އިތުރު ކުރި އެރުމެއް ލިބިގެން ދާނެ ކަމަށާއި، މިކަމުގެ ފައިދާ އެއަތޮޅުގައި ހިންގަމުންދާ ގެސްޓް ހައުސްތަކަށްވެސް ކުރާނެ ކަމަށެވެ.
މޯލްޑިވިއަންގެ އަމާޒަކީ، ދިވެހިންނަށް އަބަދުވެސް ކުރިއަށް ދެވޭނެ މަގު ތަނަވަސް ކޮށްދިނުމާއި، އެކި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.