ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ސޮނާކްޝީ ސިންހާ ދެން ފެންނާނީ ފުލުހެއްގެ ރޯލަކުން ވެބް ސީރީޒްއެއްގައި ކަމަށް އޭނާ ހާމަކޮށްފިއެވެ.
ދާދި ފަހުން އޭނާ ހާމަކުރިގޮތުގައި ފުލުހެއްގެ ރޯލުން ފެނިގެން ދިޔުމަށް އޭނާ ތައްޔާރުވަމުންދާއިރު އެ ވެބް ސީރީޒްއަށް އަދި ނަމެއް ހަމައެއް ނުޖައްސައެވެ.
ފަރުހާން އަހްތަރުގެ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ އެ ސީރީޒް ފެނިގެންދާނީ މަޝްހޫރު ސްޓްރީމިން ސާވިސް ކަމަށްވާ އެމޭޒަން ޕްރައިމް އިންނެވެ. އޭގައި ސޮނާކްޝީ ފުލުހެއްގެ ޔުނިފޯމް ލައިގެން ހުންނަ މަންޒަރު ފެނިގެންދާނެއެވެ.
އެ ޕްރޮޑަކްޝަނުން ބުނާގޮތުގައި ސޮނާކްޝީ ފެނިގެންދާނީ ވަރަށް ”ޓަފް“ ކެރެކްޓަރެއްގެ ގޮތުގައެވެ. އަދި އެ ސީރީޒްއަށް ސޮނާކްޝީ ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށްވެސް ޕްރޮޑަކްޝަނުން ބުނެއެވެ.
މިއީ ސޮނާކްޝީގެ ފުރަތަމަ ވެބް ސީރީޒް އެއް ނޫނެވެ. މީގެ ކުރީން ނެޓްފްލިކްސްއަށް ނެރެފައިވާ ވެބް ސީރީޒްއެއްގައިވެސް އޭނާ ވަނީ ހަރަކާތްތެރިވެފައެވެ. އެ ސީރީޒް އަށް ކިޔަނީ ”ބުލްބުލް ތަރަންގް“ އެވެ.