މުޖުތަމަޢުގެ މުހިންމު ދާއިރާތަކާއި، އިސް މަޤާމުތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް އަންހެނުން ބާރުވެރި ކުރުވުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ދެއްވި ވީޑިއޯ މެސެޖެއްގައި، ރައީސް ވިދާޅުވީ މުޖުތަމަޢުގެ މުހިންމު ދާއިރާތަކާއި، އިސް މަޤާމުތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް އެ ކަނބަލުން ބާރުވެރި ކުރުވުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކަށް އިންތިޚާބު ކުރެވޭ މެންބަރުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ އަންހެނުންނަށް ޚާއްސަކުރެވިފައިވާ މަޤާމުތަކެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަންނަ އޭޕްރިލް މަހުގެ 10 ގައި ބާއްވަން ހަމަޖެހިފައިވާ އިންތިޚާބާއެކު އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބީ ފެނިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ރައީސްގެ މެސެޖުގައި ވަނީ މިންތީގެ ގޯނާތައް ފަދަ، ނޭދެވޭ ޢަމަލުތަކުން އަންހެނުން ސަލާމަތްކޮށް، އެ ފަދަ މައްސަލަތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ ރައީސް ވަނީ އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ ހުރިހާ ފަންތިއަކާއި، ގިންތިއެއްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލައި ކުރިއަށް ގެންދަވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.