ރާއްޖޭގެ ޚާރިޖީ ސިޔާސަތާމެދު ލަދުގަންނަންޖެހޭނެ ކަމަށާއި، ރާއްޖެވެފައި މިވަނީ ވަކި އެއް ޤައުމެއްގެ ކައިރީގައި ސަލާންޖަހަންޖެހޭ ބަޔަކަށްކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެެއްޖެއެވެ.
ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ ނަމުގައި އަލަށް ފެށި ސިޔާސީ ހަރަކާތް އިފްތިތާޙުކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ އަމިއްލަ މިނިވަންކަމުގައި، ފަޚުރުވެރި ތާރީޚަކާއެކު އެތައް ހާސް އަހަރަކު އޮތް ރާއްޖެ މިހާރު ވަނީ އަޅުވެތިވެފައި ކަމަށެވެ.
”1965 ވަނަ އަހަރުގެ ޖުލައި 26 ގައި ރާއްޖެ ސޮއިކުރި މިނިވަންކަމުގެ މުއާހަދާގެ މަތިން މިއަދުގެ ސަރުކާރުން މިވަނީ ހަނދާންނެތިފަ. ބޭރުގެ ޤައުމުތަކަށް އަދި ވަކި ޤައުމެއްގެ ކައިރީ ސަލާންޖަހާ ބަޔަކަށްވެފައި. އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ފުދުންތެރިކަން އިތުރުކުރުމުގެ ބަދަލުގައި އަބަދު އެހީ ހޯދަން ބޭނުންވާ ބަޔަކަށް ބަދަލުވެފަ.“ ރާއްޖޭގެ މިއަދުގެ ހާލަތު ސިފަކުރައްވަމުން ދުންޔާ ވިދާޅުވިއެވެ.
ދުންޔާ އެ ޢިޝާރަތް ކުރެއްވީ އިންޑިއާއަށެވެ. ދުންޔާ ވިދާޅުވީ އެދުމެއްނެތި ވެދުމެެއްނުކުރާނެކަމަށް ކާބަފައިން ބުނެ އުޅޭކަމަށެވެ. އެ ގޮތުން އެއްޗެެއް ދޭ މީހާ ވެސް އަމިއްލަ އެދުންތަކެއް އޮންނާނެކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއްކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
”އިނގިރޭސިން ބުނަނީކަމަށްވާނަމަ، ދެއާ އިސް ނޯ ފްރީ ލަންޗް“ ދުންޔާ ވިދާޅުވިއެވެ.
ޗައިނާއަށް ޢިޝާރަތްކުރައްވަމުން ދުންޔާ ވަނީ ވަކި ޤައުމަކުން ލޯނު ނެގުމުން އެއީ ދަރަނީގެ ދަންތުރައެއް ގޮތަށް ބައެއް ބޭފުޅުން ސިފަކުރައްވާ ކަމަށެވެ. ނަމަވެސް އަނެއްބައި ޤައުމުތަކާމެދު އެފަދަ ބޭފުޅުން ދެކެނީ އެހެން ގޮތަކަށް ކަމަށެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމަށް ޢިޝާރަތްކުރައްވަމުން ދުންޔާ ވަނީ އެއްވެސް ޤައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެކަމަށް ވެސް ވިދާޅުވެފައެވެ.
ދުންޔާ ވިދާޅުވި ގޮތުގައި އަމާން، ރައްކާތެރި ސުލްހަވެރި މާހައުލެއް މިހާރަކު ނެތެވެ. އަދި އިންސާފެއް ވެސް ނެތް ކަމަށާއި، އެ ގޮތުން ތަޢުލީމީ ބޭފުޅުން ތިއްބާ، ތަނެއްދޮރެއް ނޭނގޭ ސިޔާސީ ފަރާތްތައް ވަނީ ސަރުކާރުގެ މަޤާމުތައް ފުރާލާފައިކަން ވެސް ދުންޔާ ފާހަގަކުރެއްވިއެވެ.
Kanbuleyge bafayaa kohkomenge sarukaaremee igeytho
ދުންޔާ ތިޔަވިދާޅުވީ ވަރަށްބޮޑު ތެދުފުޅެއް މިޤައުމު އިންޑިއާގެ އަޅުވެތިކަމުގެދަށުވެއްޖެ ވަރަށްސާފް އިނގޭތޯ،
މީގެ ކުރިން ރާއްޖެ ސަލާމް ޖެހީ ޗައިނާ އަށް ކަން ގިނަ ބަޔަކު ގަބޫލު ކުރޭ. މިއަދު އިންޑިޔާ. ދެން އަންނަ ބަޔަކު ދާނީ އެމެރިކާ ފަހަތުން ކަންނޭގެ. އަމިއްލަ ފައިމައްޗަށް ތެދުވަން ނޭގެ ބައަކަށް ވާނެ ހައެތި މިއޮތްގެން ވަނީ.