މާތް ވެގެންވާ ހައްޖުގެ އަޅުކަން އަދާ ކުރެވޭނީ ކޯވިޑް 19 އާއި ދެކޮޅަށް ތައްޔާރު ކޮށްފައިވާ ވެކްސިން ޖަހައިގެން ކަމަށް، ސައުދީ އަރަބިއްޔާ ސަރުކާރުން ބުނެފިއެވެ.
ސައުދީ ސަރުކާރުން މިގޮތަށް ނިންމާފައި މިވަނީ، ހައްޖުގެ އަޅުކަން އަދާ ކުރަންދާ ހުރިހާ އެންމެންގެ ރައްކާތެރި ކަން ކަށަވަރު ކުރުމަށް ކަމަށް އެގައުމުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން އެގައުމުގެ ހެލްތު މިނިސްޓަރ ތައުފީގު އަލް ރާބިއާ ވިދާޅުވީ، މިފަހަރު ހައްޖުގެ އަޅުކަން އަދާ ކުރަންދާ މީހުން އެންމެ ފުރަތަމަވެސް ޔަގީން ކުރަން ޖެހޭނީ ވެކްސިން ޖަހާފައި ވޭތޯ ކަމަށާއި، މައްކާ އަދި މަދީނާއަށް ވެކްސިން ނުޖަހާ މީހެއް ނަމަ އެތެރެ ވުމުގެ ހުއްދަވެސް ނުލިބޭނެ ކަމަށެވެ. އަދި މިކަން ވަރަށް ހަރުކަށި ކޮށް އެގައުމުން ބަލަމުން ދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޯވިޑް 19 ގެ ސަބަބުން އެގައުމުން މިދިޔަ އަހަރު ހަމައެކަނި ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައި ވަނީ ހަމައެކަނި އެގައުމުގައި ތިބި މީހުންނަށް ކަން ފާހަގަ ކޮށްލެވެއެވެ.
ސައުދީ ސަރުކާރުން މިއަހަރު އެގައުމަށް ހައްޖަށް މީހުންނަށް ދިއުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލިކަން އަދި އިއުލާން ކޮށްފައި ނުވިނަމަވެސް، މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ، މިފަހަރު ހައްޖުގެ އަޅުކަމަށް އެގައުމު ހުޅުވާލާނީ، އެހެން އަހަރު ތަކާއި ހިލާފަށް ބޮޑުތަނުން މީހުން މަދުކޮށް ކަމަށް ބުނެފައެވެ.
މިއަހަރުގެ މާތްވެގެންވާ ހައްޖު ދުވަހަކީ ޖުލައި މަހުގެ 18 ވަނަ ދުވަހެވެ.