މިޔަންމާގެ އަސްކަރީއްޔާއިން ގައުމަށް އަތްގަދަކުރުމުގެ ސަބަބުން އާންމުންގެ ހައްގުތަކަށް ގޮވާލައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރޭގައި ފުލުހުންގެ އަނިޔާ ލިބި ފަސް މީހަކު މަރުވެއްޖެ އެވެ.
މިދިޔަ މަހުން ފެށިގެން އެގައުމުގައި ދަނީ އާންމުން މުޒާހަރާ ކުރަމުންނެވެ. އަދި މީގެކުރީންވެސް ވަނީ މުޒާހަރާތަކުގެ ތެރެއިން އެކި ފަހަރުގެ މަތީން ތިން މީހަކު މަރުވެފައެވެ.
މިޔަންމާރުގެ ދެކުނު ސަރައްދެއްގައި މި ހަފްތާ ބަންދުގައި ކުރިއަށްދިޔަ މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން ވަނީ ބަޑިޖަހާފައެވެ. އޭގެ ސަބަބުން އެންމެ މަދުވެގެންވެސް ފަސް މީހުން މަރުވެފައިވާނެ ކަމަށް އެގައުމަށް ކަނޑައަޅާފައިހުރި ޔުނައިޓެޑް ނޭޝަންސްގެ ރިޕްރެޒެންޓެޓިވް ވިދާޅުވިއެވެ.
ފަސް މަރުގެ އިތުރުން 50 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިޔަންމާރު އޮތީ ބޭރުގެ ދުނިޔެއާ ކަނޑާލައި ވަކިކޮށްފައެވެ. އަސްކަރީ ބާރުތަކުން ގައުމަށް އަތްގަދަކޮށްގެން ތިބެ ގައުމުން އިންޓަނެޓް ކަނޑާލުމުން ގައުމުން ބޭރާ އޮތް ގުޅުމެއް މިހާރަކު ނެތެވެ.
ނަމަވެސް މައުލޫމާތު އާންމުންނާ ހިއްސާކުރުމަށްޓަކައި ނޫސްވެރިން ދަނީ މިޔަންމާރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅައި ފަސް ނޫސްވެރިޔަކުވެސް ވަނީ މުޒާހަރައިގެ ތެރެއިން ހައްޔަރުކޮށްފައެވެ.
މިޔަންމާރަށް ޑިމޮކްރަސީ ލިބި އެގައުމަށް އަންގް ސަންގް ސޫޗީ ލީޑަރެއްގެ ގޮތުގައި އިންތިހާބުވުމާ ގުޅިގެން އަސްކަރިއްޔާއިން ވަނީ ސޫޗީގެ އިތުރުން އެހެން ލީޑަރުން ހައްޔަރުކޮށް އެފަރާތްތަކުންގެ ބާރުގެ ދަށަށް ގައުމު ގެންގޮސްފައެވެ.