އެމްއީއެސް ހިންގަން މަންދު ކޮލެޖާ ހަވާލު ކުރި އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓުގައި ދައުވާ ކުރުމުން ބަދަލު ނަގައިދެވެން ނެތް ކަމަށް އެކޯޓުން ކުރި ހުކުމް، ހައި ކޯޓުން ބާތިލުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
އެމްއީއެސް ހިންގި އިމާރާތުގައި 10 އަހަރު ދުވަހުގެ މުއްދަތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި މާލޭ އިންގްލިޝް ސްކޫލްގެ އޭރުގެ މަސްއޫލުވެރިންނާއެކު ލީސް އެގްރީމެންޓެއް ހެދީ 2008 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އޭގެ ފަހުން އެ އެއްބައްވުމުގެ ދަށުން އެމްއީއެސްގެ މަސްއޫލުވެރިންގެ ހައްގުތައް މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކުރީ 2010 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 6 ދުވަހުއެވެ.
އެ އެގްރީމެންޓް އުވާލުމަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީން އެ އެގްރީމެންޓް ބާތިލު ކުރީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ދުވަހެވެ.
ސަބަބެއް ކަމަށް އެޑިއުކޭޝަނުން ބުނެފައި ވަނީ، އެ އެއްބަސްވުމުގައި ބުނެފައިވާ އިންޓަނޭޝަނަލް ސްކޫލުގެ ޚިދުމަތް 2009 ވަނަ އަހަރު ފަށަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައިވީ ނަމަވެސް އެ އެއްބަސްވުމަށް ފަހު ފާއިތުވި 7 އަހަރު ފާއިތުވި އިރު ވެސް އެކަމަށް ކުރަންޖެހޭ މަސައްކަތް ކޮށްފައި ނުވުމެވެ.
އެ އިމާރާތް ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހިމެނޭ ކަމަށާއި މާލިއްޔަތުގެ ގަވާއިދާ ހިލާފު ވެފައިވާ ކަމަށް ބެލެވޭ ކަންތައްތައް ހިމެނޭތީ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން މާލެ ހައި އަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.
އެ އެގްރީމެންޓް އެޑިއުކޭޝަނުން އުވާލީ އެއްބަސްވުމާ ހިލާފަށް ކަމަށާއި އެކަމުގެ ސަބަބުން ލިބޭ އެންމެހާ ގެއްލުންތަކުގެ ބަދަލު ދައުލަތުގެ ފަރާތުން ހޯދުމުގެ ހައްގު މާލޭ ހައިއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި ޤާނޫނީ ވަކީލަށް ހަރަދުވާ 53،000 ރުފިޔާ އެއް ފަހަރާ ނަގައިދިނުމަށް އެދި މާލޭ ހައިގެ ފަރާތުން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ.
އެ މައްސަލަ ބެލުމަށް ފަހު 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29ގައި ސިވިލް ކޯޓުން ނިންމީ ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ނޭނގޭނެ ކަމަށެވެ.
އެ ހުކުމް މާލޭ ހައި އިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި 2020 ވަނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު ހައިކޯޓުން ނިންމާފައި ވަނީ އެ އެއްބަސްވުން އެޑިއުކޭޝަނުން އުވާލާފައި ވަނީ ހިލާފަށް ކަމަށެވެ.
ހައިކޯޓުގެ އެ ނިންމުމާ ގުޅިގެން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި، އެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް މިއަދު ވަނީ ހުކުމް ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ އަމިއްލަ އިސްނެގުމަށް އެ ލީސް އެގްރީމެންޓް ބާތިލް ކުރުމުގައި ދައުލަތުުގެ ހެޔޮނިޔަތް އޮތް ކަމަށް ބުރަ ނުވެވޭ ކަމަށެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުށަހެޅި އިސްތިއުނާފީ ސަބަބު ޝަރުއީ އަދި ޤާ ނޫނީ ހަމަތަކުގެ މަތީން ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ހައިކޯޓުން އެ މައްސަލަ ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މަންދު ކޮލެޖް ހިންގަނީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑުންނެވެ. މަންދު ކޮލެޖްގެ ވެރިޔާއަކީ އިބްރާހިމް އިސްމާއީލް (އިބްރާ) އެވެ.