އުމުރުން 44 އަހަރުގެ އަމީޝާ ޕަޓޭލޭއަކީ 2000 ގެ ކުރީކޮޅު ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ ބޮލީވުޑްގެ ކުރީގެ އެކްޓްރެސްއެކެވެ.
އަމީޝާ ޕަޓޭލް މީހެއްގެ އަތުން ފައިސާތަކެއް ނަގައި އޮޅުވާލާފައި ވާތީ، އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާއިފިއެވެ.
އަމީޝާއާ ދެކޮޅަށް މުމްބާއީގެ ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އަޖޭ ކުމާރް ސިންގް ނަމަކަށް ކިޔާ މީހެކެވެ.
2017 ވަނަ އަހަރު އިވެންޓެއްގެ ތެރެއިން އަމީޝާއާ ދިމާވެގެން އަމީޝާ ވަނީ އޭނާގެ ކިބައިން ފިލްމެއް ހެދުމަށް އިންވެސްޓު ކޮށްދިނުމަށް އެދިފައި ކަމަށާއި އެހެންވެ، އަމީޝާގެ އެދުމުގެ މަތިން އަޖޭ 2.5 ކްރޯޑު ރުޕީސް އޭނާގެ އެކައުންޓަށް ޖަމާކޮށްދީފައިވާނެ ކަމަށެވެ.
އަމީޝާ ބުނި ފިލްމު އުފައްދާފައި ނުވާތީ އެ ފައިސާ އަނބުރާ ދިނުމަށް އަޖޭ އަމީޝާގެ ކިބައިން އެދުނު ކަމަށެވެ. އަޖޭ ޝަކުވާ ކުރަން ފެށުމުން އަމީޝާގެ ފަރާތުން ޗެކެއް ލިބުނު ނަމަވެސް އެ ޗެކް ބައުންސް ވެފައިވާ ކަމަށް އަޖޭ ހުށަހެޅި މައްސަލައިގައިވެއެވެ.
މީގެ 2 ހަފްތާ ފަހުން އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިޔުމަށް ކޯޓުން ވަނީ ތާވަލް ކޮށްފައެވެ.
އަމީޝާ ޕަޓޭލޭގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ”ކަހޯ ނާ ޕިޔާރު ހޭ“ އަދި ”ގަދަރް: އެކް ޕްރޭމް ކާޓާ“ ހިމެނެއެވެ. އޭނާ މިހާރު އަންނަނީ ޕްރޮޑަކްޝަން ހައުސް އެއް ހިންގަމުންނެވެ.